ކުޅިވަރު

އައު ބަދަލާއެކު ކޯޗުންގެ ކުރިއެރުން ފެނިގެންދާނެ: ޝުއައިބް


ބިދޭސީ ގިނަ ކުޅުންތެރިން ޓީމުގައި ހިމެނިގެން ކުޅުމަކީ މުބާރާތުގެ ފެންވަރު އިތުރުވުމުގެ އިތުރުން ޓީމުތަކަށް ކޯޗުކަންކޮށްދޭ ކޯޗުންނަށް ގިނަ ކަންކަން ދަސްވެ، އަމިއްލަ ކުރިއެރުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ކޯޗަސް ކޮމިޓީގެ ޗެއާމަން ޝުއައިބް އަޙްމަދު ވިދާޅުވެއްޖެއެވެ.

ބިދޭސީ ކުޅުންތެރިންނާއެކު ވޮލީ ސީޒަން ފެށުމަށް ތައްޔާރުވެފައިވާއިރު، މި ބަދަލަކީ ހަމައެކަނި ރާއްޖޭގެ ކުޅުންތެރިންނަށް އޭގެ ފައިދާ ތަކެއް ކުރާނެ ކަމެއް ނޫން ކަމަށާއި، މި ބަދަލާއެކު ކޯޗުންގެ ފެންވަރުވެސް ރަނގަޅުވެގެންދާނެ ކަމަށް ޝުއައިބް ވިދާޅުވިއެވެ.

ޝުއައިބް ވިދާޅުވީ އެކި މަގާމުތަކަށް އެކި ސްޓައިލްގައި ކުޅޭ ކުޅުންތެރިންނާއެކު މަސައްކަތް ކުރަން ލިބުން ވެގެންދާނީ ކޯޗުންނަށް އައު ތަޖުރިބާއެއްކޮށްލަން ލިބޭ ފުރުސަތަކަށް ކަމަށެވެ.

ރާއްޖޭގެ ވޮލީބޯޅައިގެ ކުރިއެރުމަށް ފެންވަރު ރަނގަޅު ކޯޗުން ތިބުމަކީ މުހިންމު ކަމެއް ކަމަށް ޝުއައިބު ފާހަގަކުރެއްވިއެވެ. އަދި ފެންވަރު ރަނގަޅު ކޯޗުން އުފެއްދުމަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝުއައިބު ގަބޫލުކުރައްވައެވެ. އެހެންކަމުން ކޯޗުންގެ ފެންވަރު މަތިކޮށް، ކޮންފިޑެންސް އިތުރުކުރުމަށް މިހާރު ލޯކަލް ސީޒަންގެ މުބާރާތްތަކަށް ގެނައި ބަދަލާ އެކު ބޮޑު ފުރުސަތެއް ހުޅުވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވޮލީބޯޅަ ފޯމެޓަށް ގެނައި އައު ބަދަލާއެކު، ކޮންމެ ޓީމަކަށްވެސް ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެކަމަކު އެ ތިން ކުޅުންތެރިންނަކީ ވީއޭއެމުން އެކުލަވާލާ ޕޫލްގައި ހިމެނޭ ކުޅުންތެރިންނެވެ. ވީއޭއެމުން ވަނީ ވޮލީ ސީޒަނަށް އިންޑިއާގެ 18 ކުޅުންތެރިން ހިމެނޭ ޕޫލެއް އެކުލަވާލައިފައެވެ.