ކުޅިވަރު

މެޗުން ބަލިވީ ފުރުސަތުތަކުގެ ބޭނުން ނުހިފުމުން: ޖެސިކް


އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން ބަލިވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މަޔޮޑްރަގް ޖެސިކް ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މާޒިޔާ އަތުން ބަޝުންދަރާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޖެސިކް ބުނީ ބަޝުންދަރާއިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގުން އެއީ އެ މީހުންގެ ޓާގެޓުކަން މެޗަށް ބަލާލުމުން އެނގޭ ކަމަށެވެ. އަދި އެއީ މާޒިޔާއިން ބަޝުންދަރާއަށް ދިން ހަދިޔާއެއް ކަމަށް ޖެސިކް ބުންޏެވެ. އަދި ބަޝުންދަރާ ކަހަލަ ވަރުގަދަ ޓީމެއް މެޗުގެ ކުރީކޮޅު ލީޑު ނެގުމުން ފަހަތުން އަރައި ނަތީޖާ އަނބުރާލުން އެއީ އުނދަގޫ ކަމެއް ކަމަށް ޖެސިކް ބުންޏެވެ.

ޖެސިކް ބުނީ މި މެޗުގައި މާޒިޔާގެ ކުޅުން ޖުމްލަކޮށް ރަނގަޅު ކަމަށެވެ. އަދި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް މާޒިޔާއަށް ލިބުންކަންވެސް ޖެސިކް ފާހަގަކުރިއެވެ،

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ އިތުބާރު ފޯވާޑް ހަމްޒާ މުޙައްމަދު ހަމްޕު ބުނީ މެޗުގައި މާޒިޔާއިން ރަނގަޅަށް ކުޅުނު ކަމަށާއި، އެކަމަކު މެޗުގައި ބޭނުންވި ނަތީޖާ ނުނެރެވުން ކަމަށެވެ.

މާޒިޔާއަށް ދެން މި ގްރޫޕްގައި އޮތީ އިންޑިއާގެ ދެ ޓީމާއި ކުޅެންޖެހޭ މެޗުތަކެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގެރޭ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރެލާއާ ބައްދަލުކުރާއިރު، ގްރޫޕްގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ބައްދަލުކުރާނީ އިންޑިއާ ސުޕަ ލީގުގެ ކްލަބް އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ.