ފަށާ ތަޢުލީމުގެ މަރުޙަލާއާ ދަރިވަރުން ކުރިމަތިލާއިރުވެސް އަދި އޭގެފަހުން ދިވެހިބަހާ ދަރިވަރުން ބީރައްޓެހި ވުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެހެންނަމަވެސް މިއީ ރާއްޖޭގެ މިއަދުގެ ޙާލަތެވެ. މިޙާލަތު މެދުވެރިވީ އެތައް ސަބަބުތަކަކާހެދިއެވެ. އެސަބަބުތައް އެންމެންނަށްވެސް އެނގެއެވެ.
ތުއްތުއިރު ކުދިން އުޅޭ މާޙައުލުގައި ދިވެހިބަހުން ވާހަކަދެއްކޭލެއް މަދުވުމެވެ. ކުދިން މަސަލަސްކުރަން މިޒަމާނުގައި ބޭނުންކުރާ އިލެކްޓޯނިކް ވަސީލަތްތަކުން އިވެނީ އިނގިރޭސި ބަހުގެ އަޑުތައްކަމަށް ވުމެވެ. ޕްރީސްކޫލްތަކުގައި ދަރިވަރުންނާ މުޅިންވެސް މުޢާމަލާތުކުރަނީ އިނގިރޭސިބަހުންކަމަށް ވުމެވެ. ޕްރައިމަރީ މަރުޙަލާގެ ޙާލަކީވެސް ހަމަ މިއެވެ. އޭގެ ކުރިން ބައެއް މައިންފަބައިންވެސް ތުއްތުކުދިންނާ މުޢާމަލާތުކުރަނީ އިނގިރޭސިބަހުންނެވެ. ނުވަތަ ދެބަސް މަސްހުނިކޮށްގެންނެވެ. މިފަދަ އެތައް ސަބަބަކާހެދި ކުދިން ދިވެހިބަހާ ބީރައްޓެހިވެއްޖެއެވެ.
އެހެންނަމަވެސް މިއުމުރުގައި އަމިއްލަ މަދަރީބަހުން މުޢާމަލާތުކުރުމަކީ ކޮންމެ ކުއްޖަކަށް ކޮންމެހެން ބޭނުންތެރިކަމެކެވެ. ކުދިންގެ ވިސްނުމާއި ތޫނުފިލިކަން އިތުރުވުމުގައި މާދަރީބަސް މުހިންމު ދައުރެއް އަދާކުރާކަން މިޒަމާނުގެ ޢިލްމީ ހޯދުންތަކުން ހާމަވެއެވެ. ބަހުގެ ޢިލްމުވެރިން އަބަދާއަބަދު މިވާހަކަދައްކަވައެވެ. މިރޮނގުން ބަލާއިރު އެންމެ ނަސީބުވެރި ކުދިންނަކީ އެކުދިންގެ އަމިއްލަ މާދަރީ ބަހުން ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތު ލިބިފައިވާ ކުދިންކަމަށް ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. އެނަސީބު އަޅުގަނޑުމެންނާ ދުރެވެ. އެހެންނަމަވެސް މިކަމަށް އެއްވެސް ފިޔަވަޅެއް ނާޅައި ތިބުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެޅޭ ފިޔަވަޅު މަދުވީނަމަވެސް މިއީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. މިޒިންމާ އުފުލުމުގައި އިސްނަގަންވީ ކާކުތޯ ނުވަތަ ކޮން ބައެއްތޯ ބަލަން ތިބެވޭކަށް ނެތެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ މިވަނީ މިކަމުގައި މިސާލު ދައްކާފައެވެ. "ތާނަ މަޖާ"ގެ ނަމުގައި އޭނާ ފެށި މިމަސައްކަތަށް ތައުރީފު ހައްޤެވެ. މިއީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ތުއްތު ކުދިންނަށް ޚާއްސަކޮށްގެން އުނޫޝާ ގެނެސްދޭން ތައްޔާރުވަމުންދާ ވީޑިއޯ ސިލްސިލާއެކެވެ. އޭނާގެ އިންސްޓަގްރާމުގައި ލިޔެފައިވާގޮތުން "ތާނަ މަޖާ"ގެ މި މަސައްކަތް ޚާއްސަކޮށްފައިވަނީ ދިވެހި ބަހަށެވެ. އުނޫޝާ ބުނެފައިވާގޮތުން "ތާނަ މަޖާ"ގެ މި މަސައްކަތުގާ އޭނާއާއެކު ވަރަށް ހުނަރުވެރި ޓީމެއް ބައިވެރިވެއެވެ.
ދިވެހިރާއްޖޭގެ ހުރިހާ ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ގެނެސްދޭން މަސައްކަތް މިކުރަނީ "ތާނަ މަޖާ"
— Unoosha (@unoosha) May 16, 2022
"ތާނަ މަޖާ" ގެ ތީމް ލަވައިގެ ޓީޒާއެއް ބައްލަވާލައްވާ
މި ލަވަތަކާއި ވީޑިއޯތައް ކުރިއަށްއޮތް ދުވަސްތަކުގެތެރޭ ވަރަށް އަވަހަށް ތިބޭފުޅުންނަށާ ހުރިހާ ކުދިންނަށް ފެނިގެން ދާނެ pic.twitter.com/WaoCtXEuJ0
"އަޅުގަނޑުމެންގެ މަޤްޞަދަކީ "ދިވެހި" ބަހަށް ކުރާ ޤަދަރާ، އޮތްލޯބި އިތުރަށް އާލާކޮށް ދިރުވައި، އަންނަން އޮތް ޖީލުތަކަށް އަހާހިތްވާ، ބަލާހިތްވާ ގޮތެއްގާ ދިވެހީންގެ ދިވެހި މާދަރީބަސް ދައްކާލަދީ އަހުލުވެރިކުރުވުން. ޝައުގުވެރި އުފެއްދުންތެރި އަމިއްލަވަންތަ ރީތި ރާގުތަކަކަށް ހިތްގައިމު ނަލަ މަންޒަރުތަކަކުން ހުށަހަޅާލަދިނުމުގެ ހެޔޮނިޔަތުގާ އަޅުގަނޑާއި ޓީމްމިއޮތީ ތައްޔާރަށް. މިކަމުގާ ތަފާތު ޓީވީ ޝޯތަކާއި ރޭވުންތެރި އެތައް އެތައް ވިސްނުމަކާއިއެކު އަޅުގަނޑުމެން ތިބޭފުޅުންނާ ބައްދަލުކުރާނަން." އުނޫޝާ އިންސްޓަގްރާމުގައި ލިޔެފައިވެއެވެ.
"ތާނަ މަޖާ" ގެ މި ސިލްސިލާގައި ހާށަވިޔަނީގެ މުޅިން އައު ތީމް ލަވައެއް ތައްޔާރުކުރަން ވަނީ ނިންމާފައެވެ. އެއީ ހާށަވިޔަނީގެ ކޮންމެ އަކުރަކަށް ރީތި ލަވައެކެވެ. މިމަސައްކަތުގެ ދަށުން ޓީވީ ޝޯތަކާއި ސްޓޫޑިއޯ ޕްރޮގްރާމްތަކައި ކުޑަކުދިންގެ މުޅިން އާ ލަވަތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ވީޑިއޯތަކާއި ކުޅިވަރުތައް މެދުވެރިކޮށް ދިވެހި ބަސް ދަސްކޮށްދީ ރީތި އާދަތަކަށް ކުދީން ޝައުގުވެރިކުރުވުމަކީ އުނޫޝާގެ މަޤުސަދެވެ.
މިއީ ތުއްތު ކުދީންނަށް ތާނަ އަކުރު ދަސްކޮށްދީ، އެ ކުދީންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި އުފެއްދުމަށް، ކުރެވޭ ވަރަށް އުފެއްދުންތެރި މުހިންމު މަސައްކަތެއް. ޝުުކުރިއްޔާ @unoosha https://t.co/q55497wY5Q
— Yumna Maumoon ?? ??? (@yumna_maumoon) May 19, 2022
އުނޫޝާގެ މިމަސައްކަތަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ތައުރީފުކުރައްވައި ހިތްވަރު ދެއްވާފައެވެ. މިނިސްޓަރ ޔުމްނާ ވިދާޅުވެފައިވަނީ މިއީ ތުއްތު ކުދީންނަށް ތާނަ އަކުރު ދަސްކޮށްދީ، އެ ކުދީންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި އުފެއްދުމަށް، ކުރެވޭ ވަރަށް އުފެއްދުންތެރި މުހިންމު މަސައްކަތެއްކަމަށެވެ. އަދި މިމަސައްކަތަށްޓަކައި މިނިސްޓަރ ވަނީ އުނޫޝާއަށް ޝުކުރު އަދާކުރައްވާފައެވެ.
ޤައުމީ މިފަދަ ކަންކަމަށް ޚިދުމަތްކުރުމަކީ ޤައުމުގެ ހުރިހާ ދަރިންގެ ޒިންމާއެއްކަން ޤަބޫލުކުރަން އެބަޖެހެއެވެ. މިފަދަ މަސައްކަތް ކުރާ އެކިއެކި ފަންނާނުންނާއި އެނޫންވެސް މީހުންނަށް އެހީތެރިވާންޖެހެއެވެ. ދެމެހެއްޓެނިވިގޮތެއްގައި މިފަދަ މަސައްކަތްތައް ކުރެވޭނީ އެކި ދާއިރާތަކުގެ އެހީތެރިކަން ލިބިގެންނެވެ.