ނާޒުކު އިޤްތިޞާދީ ޙާލަތެއްގައި އޮތް ސުރީ ލަންކާއަށް ބޭނުންވާ ތެލާއި ގޭސް ގަތުމަށް އެންމެ ފަހުން ފައިސާ ހަމަޖެހިއްޖެއެވެ.
ސުރީ ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޕީ ނަންދަލާލް ވީރަސިންހަ ވިދާޅުވީ އެ ޤައުމުން ތެލާއި ގޭސް އެއްކޮށް ހުސްވެފައިވަނިކޮށް ވޯލްޑު ބޭންކުން 130 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސާދީފައިވާކަމަށެވެ. އަދި އެ ފައިސާގެ އިތުރުން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ސުރީ ލަންކާގެ ރައްޔިތުން ބޭންކުތަކަށް ޖަމާކުރަމުންދާ ބޭރު ފައިސާ ބޭނުންކޮށްގެން އެ ޤައުމަށް ބޭނުންވާ ތެލާއި ގޭސް ގަނެވޭނެ މަގު ތަނަވެސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސުރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މީގެ ކުރިން ވިދާޅުވެފައިވަނީ ތެޔޮ ހިފައިގެން އައިސް އޮތް ތިން ބޯޓު އެ ޤައުމުގެ ކަނޑުގެ ސަރަޙައްދުގައި އެބައޮތްކަމަށާއި ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި 75 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށެވެ. އޭނާވަނީ ފާއިތުވި ދުވަސްތަކުގައި އިންޑިޔާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ޕެޓުރޯލާއި ޑީސަލް އިންޑިޔާއިން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައިފައެވެ.
ސުރީ ލަންކާގެ މަރުކަޒީ ބޭންކުން މީގެ ކުރިން ބުނެފައިވަނީ ދަރަނީގެ ގޮތުގައި ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ 51 ބިލިޔަން އެމެރިކާ ޑޮލަރު އެބައޮތްކަމަށެވެ. ވީރަސިންހަ ވިދާޅުވެފައިވަނީ ދަރަނި ނުދެއްކިގެން ގެއްލުންތަކެއް ކުރިމަތިވި ނަމަވެސް ދަރަނި ދައްކަން އަލުން ފަށާނީ ބައިބަޔަށް ދިގު މުއްދަތަކަށް ބަހާލައިގެން ދަރަނި ދެއްކުމުގެ މަގުޗާޓެއް އެކުލަވާލައި ސަރުކާރުން ޙުއްދަދިނުމުންކަމަށެވެ.
ސުރީ ލަންކާގައި އައު ސަރުކާރެއް ޤާއިމުކޮށް ޢާއްމުންނަށް ބޭނުންވާ ތެލާއި ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި ނަމަވެސް އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އެ ގޮތުން ވެރިރަށް ކޮލޮންބޯގައި އަނެއްކާވެސް ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށުމުން ސަލާމަތީ ބާރުތަކުންވަނީ ބާރުގެ ބޭނުންކޮށްފައެވެ.