ޚަބަރު

ބައިޑަންގެ ދަތުރުފުޅާ ދިމާކޮށް އުތުރު ކޮރެޔާއިން މިސައިލެއް ތަޖުރިބާކޮށްފާނެ


އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކުނު ކޮރެޔާއާއި ޖަޕާނަށް ކުރައްވައި ރަސްމީ ދަތުރުފުޅާ ދިމާކޮށް އުތުރު ކޮރެޔާއިން މިސައިލެއް ތަޖުރިބާކުރަން މަސައްކަތްކުރަމުންދާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފިއެވެ.

އެމެރިކާގެ ދިފާޢީ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ ބައިޑަންގެ ދަތުރުފުޅާ ދިމާކޮށް އުތުރު ކޮރެޔާއިން މިސައިލެއް ތަޖުރިބާކުރުން ނޫނީ ނިޔުކްލިޔަރ ތަޙުލީލެއް ކުރަން މަސައްކަތްކުރަމުންދާކަމަށެވެ. އަދި ފަހަރުގައި އެ ދެ ކަންވެސް ކޮށްފާނެކަމަށާއި އެފަދަ ޙާލަތަކަށް އެމެރިކާއިން ތައްޔާރުވަމުންދާކަމަށް ސަލިވަން ވިދާޅުވިއެވެ. އުތުރު ކޮރެޔާއިން ކޮށްފާނެކަމަކާ ގުޅޭގޮތުން ދެކުނު ކޮރެޔާއާއި ޖަޕާނުގެ އިތުރުން ޗައިނާއާވެސް މަޝްވަރާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އެ ސަރަޙައްދުގެ ޤައުމުތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން އެމެރިކާއިން ކަށަވަރުކޮށްދެމުންދާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރުން ބުނެފައިވަނީ ދެކުނު ކޮރެޔާއަށް ބައިޑަން ކުރައްވައި ދަތުރުފުޅުގައި ދެ ކޮރެޔާ ގުޅޭ ސަރަޙައްދަށް ވަޑައިގަތުމެއް ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށެވެ. މީގެ ކުރިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުވަނީ އެ ސަރަޙައްދަށް ވަޑައިގެން އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮން އުންނާ ބައްދަލުކުރައްވައެވެ.