ކުޅިވަރު

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ކޮމިޓީއަކާ ހަވާލުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި


އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް އާއި އޭނާގެ ހިންގާ ކޮމިޓީ މަގާމުން ދުރުކޮށް، އެ ފެޑެރޭޝަނުގެ ހިނގުން އެޑްމިނިސްޓްރޭޓިވް ކޮމިޓީއަކާ ހަވާލުކުރަން އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އައިއެފްއެފް) ގެ ރައީސްގެ މަގާމުގައި ހުންނެވި ޕްރަފުލް ޕަޓޭލްއަށް ގާނޫނީ ގޮތުން އެ މަގާމުގައި ދެން ނުހުރެވޭނެ ކަމަށް އިންޑިއާގެ ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ދާދި ފަހުން ކަނޑަޅާފައެވެ.

އިންޑިއާ ފުޓްބޯޅައިގެ ރައީސްކަން ތިން ދައުރެއްގައި ކުރެއްވި ޕްރަފުލްގެ އެންމެ ފަހުގެ ދައުރުގެ މުއްދަތު 2020 ޑިސެމްބަރަށް ހަމަވާނެއެވެ. އެއާއެކު އިންޑިއާގެ ކުޅިވަރާ ބެހޭ ވުޒާރާއިން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިތުރަށް ފަސްނުކޮށް އިންޑިއާ ފުޓްބޯޅައިގެ އިންތިޚާބު ވީ އެންމެ އަވަހަކަށް ބާއްވަން ޖެހޭނެ ކަމަށާއި، މި ވަގުތު އިންޑިއާ ފުޓްބޯޅައިގެ އިސް ވެރިންގެ ގޮތުގައި ޕްރަފުލްގެ ލީޑަޝިޕްގެ މެންބަރުން ތިބީ ގާނޫނީ ހައިސިއްޔަތަކުން ނޫން ކަމަށެވެ.

އެއާއެކު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ތިން މެންބަރުންގެ ނޯމަލައިޒް ކޮމިޓީއެއްގެ ދަށަށް އެ ފެޑެރޭޝަން ހިންގުން ބަދަލުކުރަން އަންގާފައެވެ.

ތިން މެންބަރުން ހިމެނޭ މި ކޮމިޓީގައި އިސްކޮށް މަސައްކަތް ކުރައްވާނީ، ކުރީގެ ފަނޑިޔާރެއް ކަމަށްވާ އަނިލް ރަމޭޝް ދޭވްއެވެ. އެފްއޭގެ އިދާރީ ހިންގުމާއި ދުވަހުން ދުވަހަށް ހިންގުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް އިސްކޮށް ބެލެހެއްޓުމަކީވެސް އޭނާގެ ޒިންމާއެކެވެ. ކޮމިޓީގެ އަނެއް ދެ މެންބަރުގެ ތެރޭގައި ހިމެނެނީ އެ ގައުމުގެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޝާހާބުއްދީން ޔައުގޫބް ގުރައިޝީ އާއި އިންޑިއާގެ ކުރީގެ ކެޕްޓަން ބާޝްކާރު ގަންގްލީއެވެ. އެ ދެ މެންބަރުގެ ޒިންމާއަކީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމެވެ.

އެންމެ ފަހުން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިޚާބު ބާއްވާފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއާއެކު އިންތިޚާބެއް ނުބާއްވައި، ޕްރަފުލް ފާއިތުވި ދެ އަހަރު އިންޑިއާ ފުޓްބޯޅައިގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ ގަވާއިދުތަކާ ޚިލާފަށް ކަމަށް އިންޑިއާގެ ކުޅިވަރު ކޮމިއުނިޓީގެ އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.