ކުޅިވަރު

އޭޝިއަން ކަޕް ބޭއްވުމުގެ ފުރުސަތު ޖަޕާނަށް ދެނީ


ކޮވިޑް-19 އާ ގުޅިގެން ޗައިނާގައި ނުބޭއްވޭނެކަމަށް އެންގި އަންނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ބޭއްވުމުގެ ފުރުސަތު ޖަޕާނަށް ދިނުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން އޭޝިއަން ކަޕް ޗައިނާގެ 10 ސިޓީއެއްގައި ބާއްވަން ނިންމާފައި އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ 16 އިން ޖުލައި މަހުގެ 16 ގެ ނިޔަލަށެވެ. ޗައިނާއަށް މި މުބާރާތް ބޭއްވުމުގެ ފުރުސަތު ދީފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އޮތް އޭއެފްސީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ.

އެކަމަކު މި ވަގުތު ކޮވިޑް-19 ހާލަތު އޮތްގޮތުން، ޗައިނާގައި މުބާރާތް ނުބޭއްވޭނެކަން އެ ގައުމުން މިހާރު ވަނީ އޭއެފްސީއަށް އަންގާފައެވެ.

ޗައިނާގެ ނިންމުމާ ގުޅިގެން، 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ބާއްވާނެ ގައުމެއް ކަނޑައެޅުމަށް އޭއެފްސީން މަސައްކަތް ކުރަމުންދާއިރު، ޖަޕާނާށް އެ ފުރުސަތު ދިނުމަށް އޭއެފްސީން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޖަޕާން ފުޓްބޯލް އެސޯސިއޭޝަންގެ ޗެއާމަން ކޯޒޯ ޓަޝީމާ ވަނީ އޭޝިއަން ކަޕް ބޭއްވުމުގެ ފުރުސަތު ޖަޕާނަށް ދިނުމަށް ޝައުގުވެރިވާ ކަމަށް އޭއެފްސީން ބުނެފައިވާކަންވެސް މީޑިއާގައި ހާމަކޮށްފައެވެ.

ޖަޕާނުގައި އެންމެ ފަހުން އޭޝިއަން ކަޕް ބޭއްވީ 1992 ވަނަ އަހަރެވެ. އޭގެ ފަހުން 2002 ވަނަ އަހަރު ދެކުނު ކޮރެއާއާ ގުޅިގެން ފީފާ ވޯލްޑް ކަޕް ވަނީ އެ ގައުމުގައި ބާއްވާފަވެ.

ކޮވިޑާ ގުޅިގެން ޗައިނާގައި އޭޝިއަން ކަޕް ނުބޭއްވޭނެ ކަމަށް އަންގާފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާގެ ހަންޒޫގައި ބާއްވަން ތާވަލުކޮށްފައި އޮތް އޭޝިއަން ގޭމްސްވެސް މިހާރު ވަނީ ފަސްކޮށްފައެވެ. އަދި މި އަހަރު ޑިސެމްބަރު މަހު ޗައިނާގެ ޝަންޓޯގައި ބާއްވަން ތާވަލުކުރި އޭޝިއަން ޔޫތު ގޭމްސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.

އަންނަ އަހަރުގެ އޭޝިއަން ކަޕް ބާއްވާއިރު، މިހާތަނަށް 13 ގައުމެއް ވަނީ މުބާރާތަށް ކޮލިފައިވެފައެވެ. ބާކީ 11 ގައުމު ހޮވުމަށް ކުޅޭ ކޮލިފައިން ފަހު ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.

ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނިފައިވަނީ ސްރީ ލަންކާ، އުޒްބެކިސްތާން އަދި ތައިލެންޑާއެކު އެއް ގްރޫޕެއްގައެވެ. ކޮލިފިކޭޝަނުގެ ގްރޫޕް ސްޓޭޖު މެޗުތައް އަންނަ ޖޫން މަހު ސެންޓްރަލައިޒްކޮށްގެން ކުޅޭނީ އުޒްބެކިސްތާނުގައެވެ.