ކުޅިވަރު

ނިއުގެ ކޯޗަކަށް ސްޓޮއިކޯފް


ނިއުރޭޑިއަންޓްގެ ކޯޗަކަށް ބަލްގޭރިޔާގެ ސްޓޮއިކޯފް ހަމަޖައްސައިފިއެވެ. މީގެކުރިންވެސް ނިއުއަށް އިރުޝާދުދީފައިވާ ސްޓޮއިކޯފް ނިއުގެ ކޯޗަކަށް ހަމަޖެއްސިކަން މިރޭ އެކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.ފާއިތުވި ސީޒަންގެ ބޮޑުބައި މަހިބަދޫ ޓީމަށް އިރުޝާދުދިން ތަޖުރިބާކާރު ކޯޗަކީ ކުރިން ދިވެހި ޤައުމީ ޓީމަށްވެސް އިރުޝާދުދީފައިވާ ކޯޗެކެވެ. ފާއިތުވި އަހަރު މަހިބަދޫއާއެކު ނަތީޖާތައް ރަނގަޅު ނޫންނަމަވެސް ސްޓޮއިކޯފް ވަނީ 2004 ވަނަ އަހަރު އޭއެފްސީކަޕްގެ ސެމީފައިނަލަށް ނިއުރޭޑިއަންޓް ގެންގޮސްދީފައެވެ.ނިއުއިން ސްޓޮއިކޯފް ގެންނަނީ މިއޮތް ވަގުތުގެ ތެރޭގައި ދިވެހި ފުޓްބޯޅައާއި، ޞަރަހައްދުގެ ފުޓްބޯޅަ އިނގޭ ތަޖުރިބާކާރު ކޯޗަކު ގެނައުމުގެ ބޭނުމުގައެވެ. އެއީ އަންނަމަހު އޭއެފްސީކަޕް ފަށާތީއާއެކު އާކޯޗެއް ގެނެސް ތަޖުރިބާކުރުމަށް ވަގުތު ނެތުމުންނެވެ. ފާއިތުވި ސީޒަންގައިވެސް ނިއުއިން ވަނީ ބިދޭސީ 3 ކޯޗުން ގެނެސްފައެވެ. މީގެއިތުރުން ޞަބާހު މުޙައްމަދުއާއެކުވެސް ނިއުއިން ގިނަ މެޗުތަކެއް ފުރިހަމަކުރިއެވެ.ނިއުއިން މިވަގުތު ޕްރެކްޓިސް ކުރިއަށްގެންދަނީ އެޓީމްގެ ކުރީގެ ކުޅުންތެރިޔާ އަޝްރަފް ލުތުފީ ( ސަމްޕަތު )ގެ ބެލުމުގެ ދަށުންނެވެ.