ޚަބަރު

އިންޑިއާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ސާޓޭ ފެއަރގައި ބައިވެރިވެއްޖެ


ރާއްޖޭގެ ބްރޭންޑު އިންޑިއާ މާކެޓުގައި އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް އެ ޤައުމުގައި ބާއްވާ ފަތުރުވެރިކަމާ ގުޅޭ އެންމެ ބޮޑު އެއް ފެއަރ، ސާޓޭ ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

މި ފެއަރ ކުރިއަށް ދަނީ އިންޑިއާގެ ނިއުދިއްލީގައި މިމަހުގެ 18 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 33 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ސާޓޭ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ވިޔަފާރިތަކަށް ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަޙައްދުގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރއެވެ. ސާޓޭގެ ފުރަތަމަ ފެއަރއިން ފެށިގެން މިހާތަނަށް އައިއިރު މިފެއަރގައި ބައިވެރިވާ އަދި ޒިޔާރަތްކުރާ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ސާޓޭ ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް ދެކުނު އޭޝިއާގެ މާކެޓުގައި، އަދި ޚާއްސަކޮށް އިންޑިއާ މާކެޓުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

އިންޑިއާ އަކީ މިދިޔަ އަަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާކެޓެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާއިން 278740 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ އެއަހަރު ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 22.6 އިންސައްތައެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްތުން އެމްއެމްޕީއާރުސީން ވޭތުވެދިޔަ އަހަރުކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ