އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ރާވައި، ހިންގައި، ބެލެހެއްޓުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން 3 ޤަރާރެއް ތައްޔާރުކޮށް، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 26 ވަނަ ބައްދަލުވުމުގައި ހުށަހަޅައިފައެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ 26 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ އެންމެ މުހިންމު ހުށަހެޅުމަކީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައި، ތައްޔާރުކޮށްފައިވާ ހުށަހެޅުން ކަމަށެވެ.
އިންޑިއާ ކަނޑުގައި ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަން ކުރެވެމުންދަނީ އާބާދީއަށް ގެއްލުންވާނޭ މިންވަރަށް ކަމަށާއި، އިތުރު ފިޔަވަޅު ނާޅައިފިނަމަ މުސްތަޤުބަލަށް ދެމެހެއްޓޭނެ މިންވަރަށްވުރެ އާބާދީ ދަށްވެފައިވާ ކަމަށް އައި.އޯ.ޓީ.ސީގެ ސައިންޓިފިކް ކޮމިޓީން ލަފާ ދެއްވާފައިވާ މި ދަނޑިވަޅުގައި މެންބަރު ގައުމުތަކުން ގުޅިގެން ވީހާވެސް އަވަސް ފުރުސަތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.
ރާއްޖޭގެ ހުށަހެޅުމުގައި އައި.އޯ.ޓީ.ސީގެ ސައިންޓިފިކް ކޮމިޓީގެ ލަފަޔާ އެއްގޮތަށް، 2020 ވަނަ އަހަރު މެންބަރު ގައުމުތަކުން ރީނދޫ އުރަހަ ކަންނެލި ބާނާފައިވާ މިންވަރަށްވުރެ ކުރިއަށް އޮތް އަހަރުތަކުގައި ބާނާ ކަންނެލީގެ މިންވަރު %22 އަށް މަދުކުރުމަށް ހިމަނާފައިވެއެވެ. އަދި ވަކިވަކި ގައުމުތަކަށް މަސް ބޭނޭނެ ކަމަށް ކަނޑައަޅާފައިވާ މިންވަރުތަކަށްވުރެ އިތުރަށް ބާނާ ގައުމުތަކާމެދު އަމަލުކުރާނެ އުސޫލުތައްވެސް މި ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.
މީގެ ބޭނުމަކީ، ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އަލުން އާލާކުރުމަށް ކުރާ މަސައްކަތުގައި ދެފުށްފެންނަ، އިންސާފުވެރި ހަމަތަކެއް ގާއިމުކޮށް، ބޭނުންކުރުމެވެ. އަދި، މީގެ އިތުރުން، އޮޔާދާ ކަނދުފަތި (ޑްރިފްޓިންގ ފެޑް) ބޭނުންކޮށްގެން ކުރާ މަސްވެރިކަމުން ރީނދޫ އުރަހަ ކަންނެލީގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލާ، މި ބާވަތުގެ މަސްވެރިކަން ކުރުން ވަކި މުއްދަތަކަށް މަނާކޮށް، މި މަސްވެރިކަމުގައި ބޭނޭ ކުދި ރީނދޫ އުރަހަ ކަންނެލީގެ މިންވަރު މަދުކުރުމަށްވެސް ރާއްޖޭގެ ހުށަހެޅުމުގައި ހިމަނާފައިވެއެވެ.
ރާއްޖެއިން ދެވަނައަށް ހުށަހަޅާފައިވަނީ އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީ މެނޭޖްކޮށް، ބެލެހެއްޓުމާ ބެހޭގޮތުން އެކުލަވާލާފައިވާ ހުށަހެޅުމެކެވެ. މި ހުށަހެޅުމުގައި އައި.އޯ.ޓީ.ސީގެ ސައިންޓިފިކް ކޮމިޓީން ހުށަހަޅާފައިވާ [ކެޗް ލިމިޓާއި] އެއް ހަމައެއްގައި ކަޅުބިލަމަސް ބާނާ މިންވަރު ހިފެހެއްޓުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ. އަދި އެކިއެކި މެންބަރު ގައުމުތަކުން މަސް ބާނާ މިންވަރަށް ގެންނަންޖެހޭ ބަދަލުތައްވެސް ބަޔާންކޮށްފައިވެއެވެ. މި ބަދަލުތައް ކަނޑައެޅުމުގައި ގައުމުތަކުން މީގެ ކުރިން ކަޅުބިލަމަސް ބާނާފައިވާ މިންވަރަށާއި، ގައުމުތައް ތަރައްގީވެފައިވާ މިންވަރަށާއި، މިނޫންވެސް އެހެނިހެން ކަންކަމަށް ރިޢާޔަތްކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖެއިން ހުށަހަޅާފައިވާ ތިންވަނަ ހުށަހެޅުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކުލަވާލާފައިވާ ހުށަހެޅުމެކެވެ. މި ހުށަހެޅުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމުގެގޮތުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ. އަދި އައި.އޯ.ޓީ.ސީގެ މެންބަރު ގައުމުތަކުގެ މެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ދިރާސާތައް ކުރުމުގެ އަހުލިއްޔަތު އިތުރުކޮށް، ޚާއްސަގޮތެއްގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި މިފަދަ ދިރާސާތައް ކުރުމަށް ކުރެވޭ މަސަކަތް ކުރިއެރުވުމަށް މި ހުށަހެޅުމުގައި ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ.
މޭ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން އައި.އޯ.ޓީ.ސީގެ 23 މެންބަރު ގައުމަކުން ބައިވެރިވެފައިވެއެވެ.