ޚަބަރު

ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން އަހަރަކު ނުވަ މިލިޔަން މީހުން މަރުވޭ


ތިމާވެށި ތަޤައްޔަރުވުމުގެ މައްސަލަތަކުގެ ސަބަބުން 2015ވަނަ އަހަރުން ފެށިގެން އަހަރަކު ނުވަ މިލިޔަން މީހުން މަރުވަމުންދާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ގިނަ ޢަދަދެއްގެ ތަޖުރިބާކާރުން ރަޢުޔަ ހިމަނައިގެން ލެންސެޓު ޕުލެނެޓަރީ ހެލްތުގައި ހިމަނާފައިވާ ދިރާސާގައި ބުނެފައިވަނީ ޖައްވު ނުސާފުވެގެން 2015ވަނަ އަހަރުން 2019ވަނަ އަހަރާ ހަމައަށް މަރުވެފައިވާ މީހުންގެ ޢަދަދު %7 އިތުރުވެފައިވާކަމަށެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި މެލޭރިޔާއާއި އެއިޑްސްފަދަ ނުރައްކާތެރި ބަލިތަކަށް ދެމުންދާ މުޙިއްމުކަން ތިމާވެށި ތަޤައްޔަރުވުމުގެ މައްސަލަތަކަށް ދެމުންނުދާކަން ފާހަގަވެފައިވާކަމަށެވެ. ނަމަވެސް ދުނިޔޭގެ އިޤްތިޞާދުތައް ކުރިއަރައި ތިމާވައްޓަށް ދޭންޖެހޭ މުޙިއްމުކަން ނުދިނުމުގެ ސަބަބުން ދުނިޔޭގައި މަރުވައި ކޮންމެ ހަ މީހަކުން އެކަކު މަރުވަނީ ތިމާވެށި ތަޤައްޔަރުވުމުގެ މައްސަލަތަކުގެ ސަބަބުންކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. އަދި އެއީ ދުންފަތުގެ އިސްތިޢުމާލުކޮށްގެންނާއި ކޯވިޑް-19 ޖެހިގެން ދުނިޔޭގައި މަރުވާ މީހުންނާ އެއްވަރު ޢަދަދެއްކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ތިމާވެށި ތަޤައްޔަރުވުމުގެ މައްސަލަތަކާއި އޭގެ ސަބަބުން މީހުން މަރުވައި ނިޞްބަތް ދެނެގަތުމަށް ތަޖުރިބާކާރުންވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގިނަ ޢަދަދެއްގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން އެއްކޮށްފައިވާ ތަފާސްހިސާބުތައް ދިރާސާކޮށްފައެވެ. އެ ގޮތުން އެ ދިރާސާއިން ދައްކައި ގޮތުގައި ތިމާވެށި ތަޤައްޔަރުވުމުގެ މައްސަލަތައް އެންމެ ބޮޑަށް ކުރަނީ އެފްރިކާއާއި ތަރައްޤީވަމުންދާ ޤައުމުތަކުގައެވެ. އެ ގޮތުން އެ ޤައުމުތަކުގެ ފެނާއި ވައި ވަރަށް ބޮޑަށް ތަޤައްޔަރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. އެ ދިރާސާގައި ބުނެފައިވަނީ ތިމާވެށި ތަޤައްޔަރުވުމުގެ މައްސަލަތަކުގެ ސަބަބުން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައިވަނީ އެފްރިކާގައި އޮންނަ ތިން ޤައުމުކަމަށްވާ ތަޝާދާއި ނައިޖާއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކަށެވެ. ނަމަވެސް ބައެއް ޤައުމުތަކުން ތިމާވެށި ތަޤައްޔަރުވުމުގެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެ ދިރާސާއިން ބުނެފައިވެއެވެ. އެ ގޮތުން އެފްރިކާގައި އޮންނަ އިތިއޯޕިޔާއާއި ނައިޖީރިޔާއިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި އިންޑިޔާގައި ބޭނުންކުރަމުންދާ ދަރު އުނދުނުގެ ބަދަލުގައި ގޭސް އުނދުން ސަރުކާރުން ޢާއްމުންނަށް ދޭން ފަށައިފައިވާކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން ކުރިން ކޮށްފައިވާ ދިރާސާތަކާ އަޅާކިޔުމަށްފަހު ލެންސެޓު ޕުލެނެޓަރީ ހެލްތުގައި ހިމަނާފައިވާ ދިރާސާގައި ބުނެފައިވަނީ 2000ވަނަ އަހަރުގެ ފަހުން ޖައްވަށް ވިހަ މާއްދާތައް ބޭރުކުރައި މިންވަރު %66 އިތުރުވެފައިވާކަމަށެވެ. އަދި ވައި ނުސާފުވުމުގެ މައްސަލަތައް އެންމެ ބޮޑަށް ކުރަމުންދަނީ ކުދި ރަށްރަށަށްކަމަށާއި ވައި ނުސާފުވުމުގެ މައްސަލަ ޙައްލުކުރުމަށް ބޮޑެތި ރަށްތަކުން އެދެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.