ޚަބަރު

ނޭޓޯގެ މެންބަރުކަން ހޯދުމަށް ސުވިޑަންނާއި ފިންލޭންޑުން ހުށަހަޅައިފި


ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ހޯދުމަށް ސުވިޑަންނާއި ފިންލޭންޑުން ރަސްމީ ލިޔެކިޔުންތައް ހުށަހަޅައިފިއެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ސުވިޑަންނާއި ފިންލޭންޑަކީ އެއްވެސް ކޮޅަކަށް ނުޖެހި އޮތް ދެ ޤައުމެވެ. ނަމަވެސް އަވަށްޓެރި ޔޫކްރެއިނަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ސުވިޑަންނާއި ފިންލޭންޑުގެ ޢާއްމުންގެ ވިސްނުން ބަދަލުވެ ނޭޓޯއާ ގުޅުމަށް ބޭނުންވިއެވެ. އޭގެ މައިގަނޑު ސަބަބަކީ ރަޝިޔާގެ ޙަމަލާއަކުން އެ ދެ ޤައުމު ދިފާޢުކޮށްދިނުމަށް ނޭޓޯއަށް މަޖުބޫރުވާނެތީއެވެ. އެހެންކަމުން ސުވިޑަންނާއި ފިންލޭންޑަށް ރަޝިޔާއިން ޙަމަލާދިނުމުގެ ފުރުޞަތު ކުޑަވާނެކަމަށް އެ ދެ ޤައުމުން ޤަބޫލުކުރެއެވެ. ޚާއްޞަ ގޮތެއްގައި ފިންލޭންޑަކީ ރަޝިޔާއާ ސަރަޙައްދީ ރޮނގު ޙިއްޞާކުރައި ޤައުމެކެވެ. އަދި އެ ޤައުމަކީ ވަރަށް ބޮޑަށް ރަޝިޔާއަށް ބަރޯސާވަމުންދާ ޤައުމެކެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދޭން ފެށި މައިގަނޑު ސަބަބަކީ ނޭޓޯގެ މެންބަރުކަން ހޯދައި ޔޫކްރެއިނުގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް މަސައްކަތްކުރާތީއެވެ. ރަޝިޔާއިން މީގެ ކުރިން ބުނެފައިވަނީ ސުވިޑަންނާއި ފިންލޭންޑުން ނޭޓޯއާ ގުޅިއްޖެނަމަ އެ ދެ ޤައުމާ ދެކޮޅަށްވެސް ފިޔަވަޅުއަޅާނެކަމަށެވެ. ނަމަވެސް ފަހުން ރަޝިޔާއިން ބުނެފައިވަނީ ސުވިޑަންނާއި ފިންލޭންޑުން ނޭޓޯގެ މެންބަރުކަން ހޯދި ނަމަވެސް އެ ދެ ޤައުމުގެ އަސްކަރިއްޔާ ވަރުގަދަކޮށް ޒަމާނީ ހަތިޔާރާއި ނިޔުކްލިޔަރ ހަތިޔާރާއެކު ނޭޓޯގެ ސިފައިން ރަޝިޔާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާނުކުރާނަމަ މައްސަލައެއް ނެތްކަމަށެވެ.

ނޭޓޯގެ މެންބަރުކަން ހޯދުމަށް ސުވިޑަންނާއި ފިންލޭންޑުން ރަސްމީ ލިޔެކިޔުންތައް ހުށަހަޅެމުން އެ އިއްތިޙާރުންވަނީ އެއީ ވަރަށް މުޙިއްމު ތާރީޚީ ނިންމުމެއްކަމަށް ސިފަކޮށްފައެވެ. ނަމަވެސް އެ ދެ ޤައުމަށް ނޭޓޯގެ މެންބަރުކަން ލިބުމަށް އަހަރެއްހާ ދުވަސް ނަގާނެކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ސުވިޑަންނާއި ފިންލޭންޑަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ތުރުކީވިލާތުންވަނީ ވަރަށް ބޮޑަށް ދެކޮޅުހަދައިފައެވެ. ތުރުކީވިލާތުން ތުޙުމަތުކޮށްފައިވާ ގޮތުގައި ސުވިޑަންނާއި ފިންލޭންޑަކީ އަމިއްލައަށް ވަކިވެގަންނަން މަސައްކަތްކުރައި ކުރުދީންނާ އެހީތެރިކަމާއި އެއްބާރުލުމާއި ޙިމާޔަތްދެމުންދާ ދެ ޤައުމެވެ. އަދި އެއީ ނޭޓޯގެ މެންބަރު ޤައުމެއްގެ ކިބައިން ތުރުކީވިލާތުން ބަލައިގަންނާނެކަމެއް ނޫންކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ.