ކުޅިވަރު

ޔޫރޮޕާ ލީގުގެ ފައިނަލަށް ފްރެންކްފަޓާއި ރޭންޖާސްވެސް ފުރިހަމައަށް ތައްޔާރުވެފައި


ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި ވާދަކުރާ ދެ ޓީމު ކަމަށްވާ އެއިންޓްރެކްޓް ފްރެންކްފަޓް އާއި ރޭންޖާސް އޮތީ މި މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ ދެ ކުލަބުންވެސް ހާމަކޮށްފިއެވެ.

މިރޭ ސްޕެއިންގެ ސެވީލްގައި ކުޅޭ މިމެޗާއި ކުރިމަތިލާއިރު ރޭންޖަރސްއަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފޯވަޑަށް ކުޅޭ ކެމާރ ރޫފަރ އަނިޔާއިން އެނބުރި އައިސްފައިވުމެވެ. އުމުރުން 29 އަހަރުގެ ފޯވަޑް އެޕްރީލްމަހުގެ 17 ވަނަ ދުވަހު ސްކޮޓިޝް ކަޕް ސެމީފައިނަލްގައި ސެލްޓިކާއި ދެކޮޅަށް ކުޅެ މޮޅުވި މެޗްގައި ވަނީ އަނިޔާވެފައެވެ. ރޭންޖަރސްގެ ކޯޗް ޖިއޮވާނީ ވެން ބްރޯންކްހޯސްޓް ހާމަކުރިގޮތުގައި ރޫފަރއަނީ އޭނާގެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. ރޭންޖަރސްއަށް އަނިޔާގެ އިތުރު އާ މައްސަލަތަކެއް ނެތް ނަމަވެސް ގިނަ ދުވަސް ތަކެއް ވަންދެން އަނިޔާގައި ތިބި އެލްފްރެޑޯ މޮރެލޯސް، ލާނިސް ހާޖީ އަދި ފިލިޕް ހެލާންޑަރ އަދިވެސް ތިބީ އަނިޔާގައެވެ.

ފައިނަލްގައި ރޭންޖަރސްއާއި ވާދަކުރާ ފްރޭންކްފަރޓްގެ ޓީމަށް މިސީޒަނަކީ އާދަޔާ ހިލާފު ސީޒަނެކެވެ. ބުންޑަސްލީގާގައި އެޓީމަށް މިސީޒަންގައި މާރަނގަޅު ކުޅުމެއް ދެއްކެމުންނެތް ނުދެއެެވެ. ނަމަވެސް ޔޫރޮޕަ ލީގުގައި އަންނަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް މިހާތަނަށް ދައްކަމުންނެވެ. ބުންދަސްލީގާގެ ސީޒަން ފްރޭންކްފަރޓް ނިންމާލީ މެއިންޒް އާއި ކުޅޭ އެއްވަރުވި މެޗާއެކު ތާވަލްގެ 11 ވަނައިގައި އޮވެގެންނެވެ. އަދި މިއަހަރުގެ މާރޗް މަހަށްފަހު ލީގުގައި އެޓީމް މޮޅުވެފައެއް ނުވެއެވެ. ނަމަވެސް ޔޫރަޕްގައި އެޓީމް މިސީޒަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މިރޭގެ މެޗްގައި ރެފްރީކަން ކުރުމަށް ހަމަޖެހިފައިވަނީ ސްލޮވީނިއާގެ ސްލަވްކޯ ވިންޗިޗްއެވެ.

ފްރެންކްފަޓް އާއި ރޭންޖާސް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 00:00 ގައެވެ.