ވިޔަފާރި

ގިނަ ހިއްސާދާރުން ބައިވެރިކުރުމަށް ބީއެމްއެލްގެ ރަޖިސްޓްރޭޝަނަށް ބަދަލުތަކެއް


އަހަރީ އާއްމު ޖަލްސާގައި ވީހާވެސް ގިނަ ހިއްސާދާރުން ބައިވެރިކުރުމަށް ރަޖިސްޓްރޭޝަން އުސޫލަށް ބޭންކް އޮފް މޯލްޑިވްސް އިން ބަދަލު ގެނެސްފިއެވެ. ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށައަޅާ ފައިދާ ފާސްކުރާނީ އަހަރީ އާއްމު ޖަލްސާގައެވެ.

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ މިމަހުގެ 29 ވަނަދުވަހުގެ ރޭ ހޮޓެލް ޖެންގައެވެ. މި ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުން ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހު ކުރީކޮޅު ބޭންކުން ވަނީ ހުޅުވާލާފައެވެ. ބޭންކުން ކުރިން ނިންމާފައިވަނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ ހަމައެކަނި ޕްރީ-ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނިކަމަށެވެ. އެހެންނަމަވެސް އަހަރީ އާއްމު ޖަލްސާގައި ވީހާވެސް ގިނަ ހިއްސާދާރުން ބައިވެރިކުރުމަށް ބީއެމްއެލުން ވަނީ އެ ނިންމުމަށް ބަދަލު ގެނެސްފައެވެ.

އެ ބޭންކުން ބުނީ ބޭންކުގެ އަހަރީ އާންމު ޖަލްސާއަކީ ހިއްސާދާރުންނާ ބޭންކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތަކަށްވުމާއެކު، ވީހާވެސް ގިނަ ހިއްސާދާރުން އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަކީ އެ ބޭންކުގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އެހެންކަމުން ޕްރީ-ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި ޖަލްސާ އޮންނަ ރޭވެސް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށް ބޭންކުން ބުނެއެވެ.

ޖަލްސާގައި ބައިވެރިވުމަށް އަންނައިރު އެ ހިއްސާދާރެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު،/ ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް ކާޑު ގެންނަން ޖެހޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޖަލްސާ އޮންނަ ރޭ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލިނަމަވެސް އަދިވެސް އޮންލައިންކޮށް ރަޖިސްޓްރީވެވޭނެކަމަށްވެސް ބޭންކުން ބުނެއެވެ. އެގޮތުން މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް މިމަހުގެ 27 ވަނަދުވަހުގެ މެންދުރު 13:30 ގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީވެވޭނެކަމަށްވެސް ބޭންކުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މި ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށައަޅާ ފައިދާ ފާސްކުރުން އޮންނާނެއެވެ. އަދި މިއަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ އުޖޫރަ ކަނޑައެޅުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމާއި، ޗެއަރޕާސަންގެ އުޖޫރައާއިމެދު ގޮތެއް ކަނޑައެޅުން އޮންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.