މުނިފޫހިފިލުވުން

4 އަންހެން ތަރިންނާއިއެކު ތާފްސީވެސް ފެށީ ރޯޑް ޓްރިޕެއް


ޕްރިޔަންކާ، އާލިއާ އަދި ކެތްރީނާ ހިމަނައިގެން ރޯޑް ޓރްިޕެއްގައި ދިމާވާ ހާދިސާތައް ގެނެސްދޭން ފިލްމެއްގެ މަސައްކަތް ފަށާފައިވަނިކޮށް މި ފަދަ ވާހަކަތަކެއް ހިމެނޭ ފިލްމެއް އަނެއްކާވެސް އިއުލާންކޮށްފިއެވެ.

މި ފަހަރުގެ ފިލްމަކީ މިހާރު ހިންދީ ސިނަމާތަކުގައި މަޝްހޫރުކަން ހޯދާފައިވާ ތާޕްސީ ފަންނޫގެ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ ފިލްމެކެވެ. ތާފްސީއާއެކު މި ޕްރޮޖެކްޓަށް ހަރަދުކުރަނީ ވަރުގަދަ އަންހެން ޝަހުސިއްޔަތުތަކަށް ފިލްމު އުފެއްދި ކާމިޔާބު ޕްރޮޑަކްޝަން ހައުސް ވައިކޮމްއެވެ. މި ފިލްމަށް ދީފައިވާ ނަމަކީ "ދަކް ދަކް" އެވެ.

ތާފްސީގެ ފިލްމުގައި ރޯޑް ޓްރިޕް ފަށަނީ ހަތަރު އަންހެން ތަރިންނާއިއެކުއެވެ. ފާތިމާ ސަނާ ހާނާއި، ރަތްނާ ޕަތަކާއި، ދިއާ މިރްޒާގެ އިތުރުން ދާދިފަހުން ސިނަމާތަކަށް ތައާރަފުވި ސަންޖަނާ ސާނީ މި ދަތުރު ފަށަނީ މޮޓޯ ސައިކަލްގައެވެ. މި ފިލްމުގެ ފުރަތަމަ ލުކް އާއްމުކުރި އިރު އެއިންވެސް ފެންނަނީ މި ހަތަރު ތަރިން ސައިކަލްތަކަށް އަރާ ގިއަރަށްލާ ދަތުރަން ނައްޓާލަން ތައްޔާރުވެ ތިބި މަންޒަރެވެ. މީ ތަރުން ދުދޭޖާއާއި ޕަރިޖަތް ޖޯޝީގެ ސްކްރިޕްޓެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމު ޑައިރެކްޓް ކުރަނީވެސް ތަރުން ދުދޭޖާއެވެ.

ވައިކޮމް ވަނީ މީގެކުރިންވެސް އަންހެން ސަހުޝިއްޔަތުތަކުގެ މައްޗަށް ކާމިޔާބު ފިލްމުތައް އުފައްދާފައެވެ. އޭގެތެރޭގައި "ކަހާނީ" ، "ކުއީން"، "މޭރީކޮމް"، އަދި "ޕަދްމާވަތް" ހިމެނެއެވެ.

ފަރްހާން އަހްތަރު 2001 ވަނަ އަހަރު ޑައިރެކްޓްކުރި ކާމިޔާބު ފިލްމު " ދިލް ޗަހަތާ ހޭ " އަށް 20 އަހަރު ފުރުން ފާހަގަކުރަމުން މިދިޔަ އަހަރުގެ އޮގަސްޓްމަހު ވަނީ " ޖީލޭ ޒަރާ" ގެ ނަމުގައި ރޯޑް ޓްރިޕެއްގެ މައްޗަށް ފިލްމެއް އުފައްދާކަން އިއުލާންކޮށްފައެވެ.

ފަރްހާން އަހްތަރާއި ކޮއްކޮ ޒޯޔާއި އަހްތަރާއި ރީމާ ކަގްތީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޒޯޔާއި އަހްތަރާއި ރީމާ ކަގްތީގެ އިތުރުން އެކްސެލް އެންޓަޓެއިންމަންޓް އެވެ. ޕްރިޔަންކާ ޗޯޕްރާއާއި އާލިއާ ބަޓާއި އަދި ކެތްރީނާ ކައިފް ލީޑުން ފެންނަ މި ފިލްމުގެ މަސައްކަތް މިއަހަރުގެެތޭގައި ފަށާނެކަން ފަރްހާން ވަނީ އިއުލާންކޮށްފައެވެ.