ޚަބަރު

އަޑުގެ އެންޓަނާތައް ބަދަލުކުރުމަށް ތިލަފުށީގައި އީ.އައި.އޭ ހަދަނީ




ހެންވޭރު ލޮނުޒިޔާރަތްކޮޅުގައި ހުރި
ދިވެހިރާއްޖޭގެއަޑުގެ އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ
ދަށުން ތިލަފުށިން ބިންހިއްކަންޖެހޭ ސަރަޙައްދުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް
މިހާރު ފެށިގެން ކުރިޔަށްދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.ލޮނުޒިޔާރަތްކޮޅުގައި ހުރި އަޑުގެ
އެންޓަނާތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ތިލަފުށީގައި އެކަމަށް ޚާއްޞަކޮށް ބިންހިއްކައިގެންނެވެ.
އަޑުގެ އެންޓަނާތައް ތިލަފުށްޓަށް ބަދަލުކުރުމަށް ތިލަފުށިން ދެހާސް އައްސަތޭކަ
އަށްޑިހަ ދެ އަކަމީޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ
ހަވާލުކޮށްފައިވަނީ މިދިޔައަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެމްޓީސީސީން
ވިދާޅުވީ އީއައިއޭގެ މަސައްކަތް ކުރިޔަށްއޮތް ފެބްރުއަރީމަހުގެ ތެރޭގައި
ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ އީއައިއޭގެ މަސައްކަތް ނިމުމާއެކު ބިންހިއްކުމުގެ
މަސައްކަތް ފެށިގެންދާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ. ލޮނުޒިޔާރަތްކޮޅުގައި ހުރި
އަޑުގެ އެންޓަނާތައް ނެގުމަށްފަހު ތިލަފުށިން ހިއްކާ ސަރަހައްދުގައި މިހާރަށްވުރެ
ފެންވަރު ރަނގަޅު އާ އެންޓަނާތަކެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. ޖަޕާނު
ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށްގެންދާ މިމަޝްރޫއުގެ  މަސައްކަތްނިމޭއިރު ދިވެހިރާއްޖޭއަޑުގެ
ޚިދުމަތް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މިގޮތުން އަޑުގެ ޚިދުމަތް މިހާރަށްވުރެ ބޮޑު ސަރަހައްދަކަށް ފޯރުކޮށްދެވޭގޮތްވެ،
އެނަލޮގްކޮށް އަދި ޑިޖިޓަލްކޮށްވެސް އަޑުގެ ޚިދުމަތް ދެވޭނެ މަގުފަހިވެގެންދާނެއެވެ.