ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގި، ދުވަސްވެ، ބާވެފައިވާ ހުރަވީ ބިލްޑިންގ ޢިމާރާތް ތަޅާލަން ފަށައިފިއެވެ.
ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި މުޅިން ނިމިގެންދާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވިއެވެ. ޕްލޭނިން މިނިސްޓަރީން ވިދާޅުވީ ހުރަވީ ބިލްޑިންގ ތަޅާލައި އެތަނުގައި ޕާކިންއާއެކު ޕާކެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އެ ޕާކް ތަރައްޤީކުރަނީ ޕާކް ކުރެވޭނެ އިންތިޒާމްތަކާވެސް އެކުގައިކަަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ވިދާޅުވެއެވެ.
ހުރަވީ ބިލްޑިއަންގ އަކީ 35 އަހަރަށްވުރެ ގިނަ ދުވަސްވީ ޢިމާރާތެކެވެ. ހުރަވީ ބިލްޑިން ބާވެ އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައަޅާފައި ވަނިކޮށް، ވަރަށް ފަހަކާ ޖެހެންދެންވެސް އެ ޢިމާރާތް ބޭނުންކުރިއެވެ. އެ ޢިމާރާތުގައި ދައުލަތުގެ ގިނަ މުއައްސަސާތަކެއް ހިންގިއެވެ. އޭގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައްވެސް ވަރަށްފަހަކާ ޖެހެންދެން ހިންގިއެވެ. އެ ޢިމާރާތް ބޭނުންކުރަމުން އައިރުވެސް ތަފާތު އެކި ހާދިސާތައް ހިންގާފައިވެއެވެ.
އެ ޢިމާރާތަކީ އަކިރި ބޭނުންކޮށްގެން 4 ފަންގި ފިލާއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތެކެވެ. އެތަނުގައި ފަންގިފިލާތައް ހުރީ ޑެކް އަޅައިގެންނެވެ. ނަމަވެސް ގިނަ ދުވަސްވެ ޢިމާރާތުގެ ބައެއް ތަންތަން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ޝީޓުން ބައެއް ވެއްޓި، ޕާކުކޮށްފައިހުރި ސައިކަލަކަށް ގެއްލުންވެފައިވެސް އެބަހުއްޓެވެ. އަދި ފަސް ވަރަކަށް އަހަރު ކުރިން ވެސް ހުރަވީ ބިލްޑިންގްގެ ޝީޓުގެ ބައެއް ވެއްޓި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެފައިވެއެވެ.
ހުރަވީ ބިލްޑިންއަކީ ރައްކާތެރި ތަނަކަށް ނުވުމާއެކު އެ ޢިމާރާތް މިހާރު ވަނީ ހުސްކޮށް އެތަނުގައި ހިންގަމުން އައި އޮފީސްތައްވެސް އެހެން ޢިމާރާތްތަކަށް ބަދަލުކޮށްފައެވެ.
ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް ނިންމިއެވެ. ނަމަވެސް ހުރަވީ ބިލްޑިންގްގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް އޭރު ނެތުމުން އެކަން ނުވީކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. ހުރަވީ ބިލްޑިންގަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ހެދި އޮފީސް ޢިމާރާތެކެވެ.