ޚަބަރު

ދޮގުހަދާކަށް ބޭނުމެއް ނޫން، ކުރިޔަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް: ރަނިލް


ސުރީ ލަންކާއަށް ކުރިޔަށް އޮތީ ދަތި އަދި އުނދަގޫ ދުވަސްތަކެއްކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކޮށް ޤައުމާ މުޙާތަބުކުރައްވަމުން ރަނިލް ވިދާޅުވީ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތީ އަމިއްލައަށް އެދިވަޑައިގެން ނޫންކަމަށާއި އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އެދިވަޑައިގަތުމުންކަމަށެވެ. އަދި ސުރީ ލަންކާއަށް ބޮޑު ކާރިޘާއަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައި އޭނާ ބޭނުންވެވަޑައިގަތީ ޤައުމަށް ޚިދުމަތްކުރައްވަންކަމަށް ރަނިލް ވިދާޅުވިއެވެ.

ސުރީ ލަންކާގެ އިޤްތިޞާދީ ނާޒުކު ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރަނިލް ވިދާޅުވީ 2019 އަހަރުގެ ނޮވެންބަރުގެ މަހުގެ ތެރޭގައި ސުރީ ލަންކާގެ ބޭރު ފައިސާގެ ރިސާވުގައި 7.5 ބިލިޔަން އެމެރިކާ ޑޮލަރު ހުރިކަމަށެވެ. ނަމަވެސް މިހާރު ގޭސް ގަންނަން ކޮންމެހެންވެސް ބޭނުންވާ ފަސް މިލިޔަން ޑޮލަރުވެސް ނެތްކަމަށާއި އެ ޤައުމުގައި ޕެޓުރޯލް ހުރީ އެންމެ ދުވަހަކަށް ބޭނުންކުރެވޭ މިންވަރަކަށްކަމަށް ރަނިލް ވިދާޅުވިއެވެ. އަދި ތެޔޮ ހިފައިގެން އައިސް އޮތް ތިން ބޯޓު ސުރީ ލަންކާގެ ކަނޑުގެ ސަރަޙައްދުގައި އެބައޮތްކަމަށާއި ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި 75 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާވަނީ ފާއިތުވި ދުވަސްތަކުގައި އިންޑިޔާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ޕެޓުރޯލާއި ޑީސަލް އިންޑިޔާއިން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައިފައެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާގެ އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ އެ ޤައުމުގެ ޞިއްޙީ ނިޒާމަށްކަމަށް ރަނިލް ވިދާޅުވިއެވެ. އެ ގޮތުން އެ ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭސް ހުސްވެފައިވާކަމަށާއި އޭގެ ތެރޭގައި ހިތުގެ ބައްޔަށް ބޭނުންކުރާ ބޭހާއި އޮޕަރޭޝަންކުރަން ބޭނުންވާ ޞިއްޙީ ސާމާނު ހިމެނޭކަމަށް ރަނިލް ވިދާޅުވިއެވެ. އަދި ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ބޭސް ފޯރުކޮށްދޭ ފަރާތްތަކަށް އެއްވެސް ފައިސާއެއް ނުދެއްކޭކަމަށާއި އެ ފަރާތްތަކަށް ދައްކަންޖެހޭ 97 މިލިޔަން އެމެރިކާ ޑޮލަރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް އަޅަންފެނިވަޑައިގަންނަވާ ފިޔަވަޅުތަކުގެ ތެރޭގައި ރަނިލް ހުށަހެޅުއްވީ ސުރީ ލަންކަން އެއަރލައިންސް ވިއްކާލުމަށެވެ. ރަނިލް ވިދާޅުވި ގޮތުގައި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ސުރީ ލަންކާގެ ޤައުމީ އެއަރލައިނަށް 128 މިލިޔަނަށް އެމެރިކާ ޑޮލަރުގެ ގެއްލުމެއްވަނީ ލިބިފައެވެ. އޭގެ އިތުރުން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ސުރީ ލަންކާގައި ތަކެތީގެ އަގު އިންތިހާއަށް އިތުރުވާނެކަން ފާހަގަކުރައްވަމުން ރަނިލް ވިދާޅުވީ ކިތަންމެ ބޭނުންފުޅުނުވި ނަމަވެސް ފައިސާ ޗާޕުކުރުން ނޫންގޮތެއް ނެތްކަމަށެވެ. އަދި އެއީ ފައިސާގެ އަގު ވެއްޓޭނެކަމެއްކަން އެނގިވަޑައިގަންނަވާކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ބޮޑެތި ޤުރުބާނީތަކެއްވާންޖެހޭކަމަށެވެ.

ސުރީ ލަންކާ އޮތް ޙާލަތު އަމިއްލަފުލަށް ވިދާޅުވަމުން ރަނިލް ވިދާޅުވީ ޢާއްމުންނަށް އިތުރުފުޅުހައްދަވަން ބޭނުންފުޅުނުވާކަމަށާއި ޤައުމު އޮތް ނުރައްކާތެރި ޙާލަތު ކިޔާދެއްވަންޖެހޭކަމަށެވެ. އަދި އެއީ އަބަދަށް އޮންނާނެ ޙާލަތެއް ނޫންކަމަށާއި އެކުވެރި ޤައުމުތަކުގެ އެހީތެރިކަން ލިބޭނެކަމުގެ އެއްވެސް ޝައްކެއްނެތްކަމަށާއި މިހާރުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެ ޤައުމުތަކުން ދީފައިވާކަމަށް ރަނިލް ވިދާޅުވިއެވެ.

ސުރީ ލަންކާ ސަލާމަތުގެ އައްސޭރިއަކަށް ގެންދަވަން ބޭނުންފުޅުވާކަމަށް ވިދާޅުވަމުން ރަނިލްވަނީ ހުރިހާ ސިޔާސީވެރިންނާއި ޕާޓީތަކެއްގެ ބައިވެރިވުން މުޙިއްމުކަން ފާހަގަކުރައްވައި ސިޔާސީ ވާދަވެރިކަން ދޫކޮށްލައި ސަރުކާރަށް އެއްބާރުލުން ދޭން ނިންމި ފަރާތްތަކަށް ޝުކުރުދަންނަވައިފައެވެ. އަދި އަމިއްލަފުޅު ނަފްސު ޤުރުބާންކޮށްގެން ނަމަވެސް ޤައުމުގެ ރައްޔިތުންނަށް ޖެހިފައިވާ މުޞީބާތުން އެ މީހުން ސަލާމަތްކޮށްދެއްވަން ބޭނުންފުޅުވާކަމަށާއި އެއީ އޭނާ ވެވަޑައިގަންނަވައި ވަޢުދުފުޅެއްކަމަށް ރަނިލް ވިދާޅުވިއެވެ.