ޚަބަރު

އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް އިދިކޮޅުގެ ތާޢީދު ލަންކާގެ ސަރުކާރަށް


ޤައުމަށް ފައިދާވާނެ ކަންކަމުގައި ސުރީ ލަންކާގެ ސަރުކާރަށް ތާޢީދުކޮށް އެއްބާރުލުންދޭނެކަމަށް އެ ޤައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ ސަމާގީ ޖާނާ ބަލަވެގާޔާ، އެސްޖީބީން ބުނެފިއެވެ.

ސުރީ ލަންކާގައި އައު ސަރުކާރެއް އެކުލަވާލައްވައި ސިޔާސީ ހަމެޖެހުން ޤާއިމުކުރައްވައި އިޤްތިޞާދީ ބޮޑު ކާރިޘާއަކުން އެ ޤައުމު ސަލާމަތްކުރެއްވުމަކީ ރަނިލްގެ އެންމެ ބޮޑެތި ޒިންމާތަކެވެ. އޭނާވަނީ ސަރުކާރުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުދެއްވައި އިދިކޮޅު އެންމެ އިސްވެރިޔާ ސަޖިތު ޕުރެމަދާސައަށް ރަސްމީ ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ރަނިލް ވިދާޅުވެފައިވަނީ ޒަމަންވީ ސިޔާސީ ވާދަވެރިކަން ދޫކޮށްލައްވައި ޤައުމީ މަސްލަޙަތު އިސްކުރައްވަންވީ ވަޤުތުޖެހިއްޖެކަމަށެވެ. އަދި ޤައުމަށް ކުރިމަތިވެފައިވާ ބޮޑު ކާރިޘާއިން ސަލާމަތްވުމަށް ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުދެއްވާކަމަށް އެ ސިޓީގައި ރަނިލް ވިދާޅުވެފައިވެއެވެ.

ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން 54 ގޮނޑި ކަށަވަރުކޮށްފައިވާ އެސްޖީބީން ބުނެފައިވަނީ އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތާޢީދުކުރާނެކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުގައި ޤާނޫނުހަދާ މަޖިލީހުގެ ތެރެއިންވެސް ސަރުކާރަށް އެސްޖީބީގެ އެއްބާރުލުން ލިބޭނެކަމަށް އެ ޕާޓީން ބުނެފައިވެއެވެ. ނަމަވެސް މަޖިލީހަށް ސަރުކާރަށް އޮތް އަޣުލަބިއްޔަތު ބޮޑުކުރުމަށް އެސްޖީބީގެ ވަކިވަކި މެންބަރުންނާ މުޢާމަލާތްކުރާނަމަ ސަރުކާރަށް ކުރަން ނިންމި ތާޢީދު އަނބުރައި ގެންދާނެކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ސިޔާސީގޮތުން ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ބޮޑުވަޒީރުގެ މަޤާމަށް ރަނިލް ވިކްރަމަސިންހަ ވަޑައިގެންފައިވަނީ މަހިންދަ ރާޖަޕަކްސައާއި ގޮތަބަޔާ ރާޖަޕަކްސަ ނިޞްބަތްވަޑައިގަންނަވާ ސުރީ ލަންކާ ޕޮޑުޖާނާ ޕެރަމޫނާ، އެސްއެލްޕީޕީގެ ތާޢީދާއެކުއެވެ. އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުންވަނީ ސަރުކާރާ ގުޅުމަށް ދެކޮޅުހަދައިފައެވެ. އެހެންކަމުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހަށް ރަނިލް ޢައްޔަންކުރައްވާފައިވަނީ އެސްއެލްޕީޕީއަށް ނިޞްބަތްވާ ހަތަރު މެންބަރުންނެވެ. ނަމަވެސް އެއީ އެ ޤައުމުގެ ޢާއްމުން ބަލައިގަންނަ ނިންމުމެއް ނޫނެވެ.