ޔޫކްރެއިނުގައި ރަޝިޔާއަށް ކުރިމަތިވަނީ ނާކާމިޔާބީއާކަމަށާއި ހަނގުރާމައިގެ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ނުހޯދޭކަމަށް ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ބުނެފިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ނޭޓޯގެ ސެކެޓުރީ ޖެނެރަލް ޔާންސް ސުޓޮލްޓެންބާގު ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޙަމަލާދެމުންދިޔަ ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކާރްކީވު ކައިރިން ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖެހެމުންދާކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ބޮޑެތި ލަޝްކަރުތައް ބޭނުންކޮށްގެން ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސަށް ދެމުންދިޔަ ޙަމަލާތައްވެސް މަޑުޖެހިފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޔޫކްރެއިނަށް އެންމެ ބޮޑު އެހީތެރިކަމެއްވަމުންދާ އެއް ޤައުމުކަމަށްވާ އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ މީގެ ތިން މަސްދުވަސްކުރިން ޔޫކްރެއިނަށް ފޮނުވި ރަޝިޔާގެ ފައުޖުތަކުގެ ތިންބައިކުޅަ އެއްބައި ހަނގުރާމާގައި މަރުވެފައިވާކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރަޝިޔާގެ ޙަމަލާތައް މަޑުޖެހި ބޮޑު ކުރިއެރުންތަކެއް ނުހޯދޭކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އެ ގޮތުން ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައިވެސް ޔޫކްރެއިނުގައި ރަޝިޔާއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ނުބެލެވޭކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނުގެ ތިން ސަރަޙައްދަކުން ރަޝިޔާއިންވަނީ ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފައެވެ. ނަމަވެސް ދެ މަސްދުވަހަށްފަހު ރަޝިޔާއިންވަނީ ޔޫކްރެއިނުގެ އުތުރުގައި އޮންނަ އެ ޤައުމުގެ ވެރިރަށް ކިޔޭވަށް ދެމުންދާ ޙަމަލާތައް ހުއްޓާލައި އެ ޤައުމުގެ ފައުޖުތައް ފަހަތަށް ޖައްސައިފައެވެ. އޭގެ ފަހުން ރަޝިޔާއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޔޫކްރެއިނުގެ ދެކުނާއި އިރުމަތީގެ ސަރަޙައްދުތަކުން ކުރިއެރުން ހޯދުމަށެވެ.
ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ނޭޓޯއަށް ނިޞްބަތްވާ ޤައުމުތަކުންވަނީ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ އަގުހުރި ޒަމާނީ ހަތިޔާރު ޔޫކްރެއިނަށް ފޮނުވައިފައެވެ.