ޚަބަރު

އިންތިޚާބުގައި ޙިޒުބުﷲއަށް ބޮޑު ނާކާމިޔާބެއް


ލުބުނާނުގައި ބޭއްވި ޢާއްމު އިންތިޚާބުގައި ހިޒުބުﷲ ޖަމާޢަތަށް ބޮޑު ނާކާމިޔާބެއް ލިބިފައިވާކަން ވަޤުތީ ނަތީޖާތަކުން ދައްކައިފިއެވެ.

ލުބުނާނުގައި ޢާއްމު އިންތިޚާބެއް ބާއްވާފައިވަނީ އިޤްތިޞާދު ހީނަރުވެ ސިޔާސީ ބޮޑެތި ދެބަސްވުންތަކެއްގެ ތެރޭގައެވެ. ލުބުނާނަށް ބޮޑު އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލާންޖެހިފައިވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ހިޒުބުﷲގެ ސަބަބުންކަމަށް ގިނަ ބަޔަކު ތުޙުމަތުކުރެއެވެ. އަދި އިންތިޚާބުގައި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ސަޢުދުލް ޙަރީރީގެ ފިޔުޗާ ޕާޓީއާއި އޭނާއަށް ތާޢީދުކުރާ ސުންނީ އެހެން ޕާޓީތަކުން ވާދައެއް ނުކުރެއެވެ. އެހެންކަމުން ޙިޒުބުﷲއަށް އޮތް ތާޢީދު ވަޒަންކުރުމަށް އިތުރު ގޮނޑިތަކެއް ހޯދުމުގެ ފުރުޞަތު އެ ޖަމާޢަތަށް ލިބުނެވެ. ނަމަވެސް 2018ވަނަ އަހަރުގެ ޢާއްމު އިންތިޚާބުގައި ޙިޒުބުﷲ އިސްވެ އެކުލަވާލާފައިވާ އިއްތިޙާދުން ކާމިޔާބުކުރި ޤާނޫނުހަދާ މަޖިލީހުގެ 128 ގޮނޑީގެ ތެރެއިން 71 ގޮނޑި ދިފާޢުނުކުރެވޭނެކަންވަނީ ކަށަވަރުވެފައެވެ.

އީރާނުގެ މަދަދު ލިބޭ ޙިޒުބުﷲއަށް އިންތިޚާބުގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީއަކީ ޠަލާލް އަރްސަލާނުގެ ގޮނޑި ގެއްލުމެވެ. އޭނާއަކީ ލުބުނާނުގެ ނުފޫޒުގަދަ ޢާއިލާއަށް ނިޞްބަތްވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާއާ ވާދަކޮށް ގޮނޑި ކާމިޔާބުކޮށްފައިވަނީ ސިޔާސީ މައިދާނަށް އަލަށް ނުކުތް އަމިއްލަ ކެނޑިޑޭޓެކެވެ. އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް ވަޢުދުވެ އިންތިޚާބުގައި ވާދަކުރި އަމިއްލަ ފަސް ކެނޑިޑޭޓުންވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.

އިންތިޚާބުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ލެބަނީސް ފޯސާސް، އެލްއެފުންނެވެ. އެ ޕާޓީންވަނީ އިތުރަށް ފަސް ގޮނޑި ހޯދައި ޖުމުލަ 20 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއާއެކު އެ ޕާޓީވާނީ ޤާނޫނުހަދާ މަޖިލީހުގައި އޮތް އެންމެ ބޮޑު ނަޞާރާ ޕާޓީއަށެވެ. މީގެ ކުރިން މަޖިލީހުގައި އޮތް އެންމެ ބޮޑު ނަޞާރާ ޕާޓީއަކީ ޙިޒުބުﷲއާ އިއްތިޙާދުވެފައިވާ ފުރީ ޕެޓުރިއޮޓިކް މޫވުމަންޓު، އެފްޕީއެމެވެ. ނަމަވެސް އެ ޕާޓީއަށް ކާމިޔާބުކުރެވުނު ގޮނޑީގެ ޢަދަދުވަނީ 18ން 16އަށް މަދުވެފައެވެ. އެހެންކަމުން އިތުރު ގޮނޑިތަކެއް ހޯދަން ނުކުތް ޙިޒުބުﷲއާއި އެ ޖަމާޢަތާ އިއްތިޙާދުވެފައިވާ ޕާޓީތަކަށް އެ ލަނޑުދަނޑު ޙާޞިލުނުވާނެކަންވަނީ ކަށަވަރުވެފައެވެ. ނަމަވެސް މަޖިލީހުގައި އޮތް އަޣުލަބިއްޔަތު ހަނިވި ނަމަވެސް ޙިޒުބުﷲއަށް އަޣުލަބިއްޔަތު ގެއްލޭނެކަމަށް ނުބެލެވެއެވެ.

ލުބުނާނުގެ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިތައް ގިނަ ޕާޓީތަކަކަށް ބެހިގެން ދިޔުމަކީ އެ ޤައުމުގައި އައު ބޮޑުވަޒީރެއް ޢައްޔަނުކޮށް ސަރުކާރެއް އެކުލަވާލުމަށް ހުރަސްއެޅޭނެކަމެކެވެ. 2018ވަނަ އަހަރުގެ އިންތިޚާބަށްފަހު ސަރުކާރެއް އެކުލަވާލުމުގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން ދެ ފަހަރެއްގެމަތިން ބޮޑުވަޒީރުން ޢައްޔަނުކުރަންޖެހުނެވެ.

ލުބުނާނުގެ ސިޔާސީ މައްސަލަތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވަނީ އެ ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށް އެހީވުމަށް ފަސްޖެހިފައެވެ.