ޚަބަރު

ނަތީޖާއަށް އަސަރުކުރާވަރުގެ ޝަކުވާއެއް ނުލިބޭ: އެމްޑީޕީ


އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބާއި ގުޅިގެން ހުށައެޅި ހުރިހާ ޝަކުވާތަކެއް ބަލާ ނިމިފައިވާކަމަށާއި، ނަތީޖާއަށް އަސަރުކުރާފަދަ މައްސަލައެއް ނެތްކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ އިންތިޚާބުތަކާއި ބެހޭ ކޮމިޓީން ބުނީ ޗެއަރޕާސަން އިންތިޚާބާއި ގުޅޭގޮތުން ދެ ކެނޑިޑޭޓުންގެ ފަރާތުންވެސް ޝަކުވާ ލިބިފައިވާކަމަށާއި، ނަމަވެސް ނަތީޖާއަށް ބަދަލު އަންނަފަދަ ޝަކުވާއެއް ނެތްކަމަށް އެކޮމިޓީން ބުންޏެވެ. އެ ހުރިހާ ޝަކުވާތަކެއްވެސް ބަލާ ނިމިފައިވާކަމަށްވެސް އެކޮމިޓީން ބުންޏެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރީ އިކޮނޮމިކް މިނސްޓަރ ފައްޔާޟް އިސްމާޢީލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. މި އިންތިޚާބު ކާމިޔާބުކުރީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ. ފައްޔާޒަށް 27،433 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ އިންތިޚާބުގެ %58އެވެ. އިމްތިޔާޒް ފަހުމީއަށް ލިބިވަޑައިގަތީ19،783 ވޯޓެވެ. އެއީ އިންތިޚާބުގެ %42އެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުވުމާއި ގުޅިގެން ފައްޔާޟް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ދިން ވޯޓަކީ މެންބަރުން އެދުނު ގޮތަށް ޕާޓީ ހިންގާލަން ދިން ވޯޓެއްކަމަށެވެ. އަދި އެމްޑީޕީއާއި ސަރުކާރާ އެއްކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ދިން ވޯޓެއްކަމަށާއި، އެކަމުގައި ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް ފައްޔާޟް ވިދާޅުވެފައިވެއެވެ.

މިއިންތިޚާބުގެ ނަތީޖާއަށްފަހު އިމްތިޔާޒް ފަހުމީވަނީ ބަލި ޤަބޫލުކުރައްވާ ފައްޔާޟަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ފައްޔާޟްގެ ޗެއަރޕާސަންކަމުގައި އެމްޑީޕީއަށް އިތުރު ކުރިއެރުން ލިބޭނެކަމަށް ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.