ޚަބަރު

ފޮރިން ސާރވިސް ޤާނޫނު ތަންފީޒްކުރުމަކީ ރައީސްގެ ހަރުދަނާ ސިޔާސަތުގެ ނަތީޖާ: ޝާހިދު


ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ފުރަތަމަ ފަހަރަށް ފޮރިން ސާރވިސްގެ ޤާނޫނެއް އެކުލަވާލާ ތަންފީޒްކުރެވެން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމުގެ ނަތީޖާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު ތަންފީޒްކުރަން ފެށުމާއިގުޅިގެން ދެއްވި ޚިޠާބުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާތަކީ މުޅިދުނިޔެއާއި ލާމެހިފައިވާ ސިޔާސަތަކަށް ހެދުމަކީ އެންމެ މުހިންމު އަމާޒެވެ. އެއަމާޒަށް ވާސިލުވުމަށް ޚާރިޖީ ސިޔާސަތު ފުޅާކޮށް އިތުރު ޤައުމުތަކާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް ޚާރިޖީ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ޚާއްޞަ ޤާނޫނެއް މިހާތަަނށް ރާއްޖޭގައި ނެތުންކަމަށް ޚާރިޖީ ދާއިރާގެ އިސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެގޮންޖެހުންތައް ނައްތާލާ މިސަރުކާރުން މިހާރުވަނީ ޚާރިޖީ ސިޔާސަތުތަކަށް ޚާއްޞަ ޤާނޫނެއް މަޖިލީހުން ފާސްކޮށް ތަސްދީޤްކުރައްވާފައެވެ.

ފޮރިން ސާރިސްގެ ޤާނޫނު ރައީސް ތަސްދީޤްކުރެއްވީ މިމަހުގެ 10ގައެވެ. އެ ޤާނޫނަށް އަމަލުކުރަން ފެށުމާއި ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، އެ ޤާނޫނު ތަންފީޒުކުރަން ފެށުމަކީ ޚާރިޖީ ސިޔާސަތު ހިންގުން ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާކަމަށެވެ.

ރާއްޖޭގެ ޚާރިޖިއްޔާގެ މަސައްކަތަކީ ވަކި ސަރވިސްއެއްގެ ދަށުން ހިނގާ މަސައްކަތެއްގެ ގޮތުގައި އިންތިޒާމު ކުރެއްވުމުގެ ތަޞައްވަރު އެންމެ ފުރަތަމަ ގެންގުޅުއްވީ ދިވެހި ޚާރިޖިއްޔާގައި އެންމެ ގިނަ ދުވަހު ވަރަށް އަގު ހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚާރިޖީ ވަޒީރު އަލްއުސްތާޛް ފަތުޙުﷲ ޖަމީލުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ވަކި ޚިދުމަތެއްގެ ގޮތުގައި ފޮރިން ސަރވިސްއެއް ޤާއިމްކުރެވުމުން ޚާރިޖީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ ކުރީ ސަފުގައި އަބަދުވެސް ތިބެންޖެހޭނެ ބައެއްކަމަށާއި، ފޮރިން ސަރވިސްގެ އެންމެ އިސް ވާޖިބަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާސަތަށް އިޙުތިރާމު ކުރުން އިތުރުކުރުމާއެކު ދިވެހިރާއްޖޭން ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތު ތަންފީޒުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ފޮރިން ސަރވިސްއިން މިހާރު ދެކެމުން މިދަނީ ދިވެހި ޚާރިޖިއްޔާގެ 128 އަހަރުގެ ހަޔާތުގައި ކުރިން ނުދެކޭ ފަދަ ކާމިޔާބު ދުވަސްތަކެއްކަމަށް ސިފަކުރައްވާ މިނިސްޓަރ ވަނީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ހޮވިގެން ދިއުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް މިހާތަނަށް ލިބިފައިވާ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ. އެ ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ދިވެހި ޚާރިޖިއްޔާގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޚާރިޖީ ދާއިރާގެ ގާބިލްކަމާއި ހުނަރުވެރިކަން އިތުރުކުރުމުގެ ގޮތުން މުވައްޒަފުން ބިނާކުރުމަށް އަބަދުވެސް އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ 1983 ގައި ފޮރިން މިނިސްޓްރީގައި އެމަނިކުފާނު މަސައްކަތްފެށިއިރު، އެ މިނިސްޓްރީގައި މަތީ ތަޢުލީމު ޙާސިލުކުރައްވައިގެން ތިއްބެވީ އެންމެ ތިން ބޭފުޅުންކަމަށެވެ. ނަމަވެސް، މިހާރު އެމިނިސްޓްރީގައި މަތީ ތަޢުލީމް ހާޞިލްކުރައްވައިގެން ތިއްބެވި 79 މުވައްޒަފުން އެބަތިބިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ، ފޮރިން މިނިސްޓްރީގެ ކެރިއަރ އޮފިސަރުންގެ ގޮތުގައި ޚިދުމަތްކުރައްވަމުންގެންދަވާ މުވައްޒަފުންގެ 64 އިންސައްތައެވެ.

ފޮރިން ސާރވިސްގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި އެސަރވިސް އެކުލެވިގެންވާނީ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށެވެ. ފޮރިން ސަރވިސްގެ މަޤުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމުކުރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އަދި އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގައި، ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ދިވެހިރާއްޖެއަށް ލިބެންހުރި ފުރުޞަތުތައް ދެނެގަނެ، ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ކުރިއެރުވޭނެ ގޮތްތައް ހޯދައި ބަލައި، އެކަންކަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި އެހީތެރިވެދިނުންވެސް މި ޤާނޫނުގެ މަޤްޞަދުގައި ބަޔާންކުރެއެވެ.

މި ޤާނޫނުގައި ބުނެފައިވާގޮތުގައި ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީއެވެ. އެގޮތުން ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންނެވެ. އަދި ފޮރިން ސެކްރެޓަރީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ. ފޮރިން ސެކްރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ޤާނޫނުގައި ވާގޮތުން ސަފީރުންގެ ވަޒީފާއަށް ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްއިން ބޭރުންވެސް މީހުން ޢައްޔަންކުރެވިދާނެއެވެ. ނަމަވެސް ފޮރިން ސަރވިސްއިން ބޭރުން ޢައްޔަންކޮށްފައި ތިބޭ ސަފީރުން، ވެރިކަން ބަދަލުވާ ޙާލަތެއްގައި، ސަފީރުކަމުގެ ވަޒީފާއިން އިސްތިޢުފާދޭންޖެހެއެވެ.

މީގެ އިތުރުން ސަފީރަކީ ފޮރިން ސަރވިސްގެ މުވައްޒަފެއްނަމަ، އެ ސަފީރަކު މި ޤާނޫނުގައިވާ ގޮތަށް އިސްތިޢުފާދިންކަމުގައި ވީނަމަވެސް ނުވަތަ އަނބުރާ ގެނައި ނަމަވެސް، ފޮރިން ސަރވިސްގައި އެ ފަރާތުން ފުރަމުންދިޔަ މަޤާމުން ވަކިވީ ކަމުގައެއް ނުބެލެވޭނެކަމަށް މި ބިލުގައިވަނީ ހިމަނާފައެވެ.