ޚަބަރު

ފަރުވާއަށްފަހު ސަލްމާނު ރަސްގެފާނު ހަސްފަތާލުން ދޫކޮށްލައިފި


ފަރުވާއަށްފަހު ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ހަސްފަތާލުން ދޫކޮށްލައިފިއެވެ.

ޢުމުރުފުޅުން 86 އަހަރުގެ ސަލްމާނު ރަސްގެފާނު ހަސްފަތާލުގައި އެނދުމަތިކޮށްފައިވަނީ މެއި މަހުގެ 7ވަނަ ދުވަހުއެވެ. ސަޢުދީ ޢަރަބިއްޔާގެ ޝާޙީ ގަނޑުވަރުން ބުނެފައިވަނީ ސަލްމާނު ރަސްގެފާނު އެނދުމަތިކޮށްފައިވަނީ ޖިއްދާގައި ހުންނަ ކިންގު ފައިޞަލް ސުޕެޝަލިސްޓު ހޮސްޕިޓަލުގައިކަމަށެވެ. އެ ހަސްފަތާލުގައި ޞިއްޙީ ތަޙުލީލުތަކެއް ސަލްމާނު ރަސްގެފާނު ފުރިހަމަކުރައްވާފައިވާކަމަށްވެސް ޝާޙީ ގަނޑުވަރުން ބުނެފައިވެއެވެ. އަދި ސަލްމާނު ރަސްގެފާނު ހަސްފަތާލުގައި ކުޑަ ދުވަސްކޮޅަކު އަރާމުކުރެއްވުމަށް މަޑުކުރެއްވުމަށް ޑަކްޓަރުން ލަފާދީފައިވާކަމަށްވެސް ޝާޙީ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

2020ވަނަ އަހަރުގެ ތެރޭގައި ސަލްމާނު ރަސްގެފާނުވަނީ ފިތުގެ އޮޕަރޭޝަނެއް ކުރައްވައިފައެވެ. އަދި މިދިޔަ މާރިޗު މަހުގެ ތެރޭގައި ހިތުގެ ޕޭސްމޭކަރުގެ ބެޓަރީ ބަދަލުކުރައްވާފައިވެއެވެ. އެ މަނިކުފާނު ސަޢުދީ ޢަރަބިއްޔާގެ ރަސްކަމަށް ވަޑައިގެންފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ.