ކުޅިވަރު

ޖެހިޖެހިގެން ދެވަނަ ފަހަރަށް ވިމެންސް އެފްއޭ ކަޕް ޗެލްސީން ކާމިޔާބުކޮށްފި


އިނގިރޭސި ވިމެންސް އެފްއޭ ކަޕުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެލްސީ ވިމެންއިން ކާމިޔާބުކޮށްފިއެވެ.

މިމުބާރާތް ޗެލްސީ ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލް މެޗްގައި މެންޗެސްޓަރ ސިޓީ ވިމެން އާއި ބައްދަލުކޮށް 3-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 2-2ގެ ނަތީޖާއަކުން އެއްވަރުވެފައިވުމުން އިތުރު ވަގުތު ކުޅެންޖެހި ޗެލްސީ ކުރި ހޯދީ އިތުރު ވަގުތުގައެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޗެލްސީއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ސޭމް ކާރއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ލޯރެން ހެމްޕްވަނީ ލަނޑެއްޖަހާ މެޗްގެ ނަތިޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ދެވަނަ ފަހަރަށް ޗެލްސީއިންލީޑު ނެގީ މެޗްގެ 63 ވަނަ މިނެޓްގައި އެރިން ކަރތުބަރޓް ޖަހާދިން ލަނޑުންނެވެ.

މިމެޗްގައި ސިޓީއިން ދެވަނަ ފަހަރަށް އެއްވަރުކުރީވެސް ހާފް ނިމެން ގާތްވެފައިވަނިކޮށެެވެ. މިގޮތުން މެޗްގެ 89 ވަނަ މިނެޓްގައި އެޓީމްގެ ލަނޑު ޖަހާދިނީ ހޭލީ ރޯސޯއެވެ. މިލަނޑާއެކު މެޗްގެ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެހާފް ކުޅެން ޖެހުނެވެ. މިމެޗްގައި ޗެލްސީއަށް ތިންވަނަ ފަހަރަށް ލީޑު ނަގާދީ މިމެޗުން އެޓީމް މޮޅުވި ލަނޑު މެޗްގެ 99ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ކާރއެވެ.

މި ކާމިޔާބީއާއެކު ޗެލްސީއިން މިވަނީ މިސީޒަންގައި ދެތަށި ކާމިޔާބުކޮށްފައެވެ. މިދިޔަ ހަފްގާގައި ޗެލްސީ ވިމެން އިން ވަނީ ވިމެންސް ސުޕަރ ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި މިއީ މިއަހަރުގެ ލީގު ކަޕްގެ ފައިނަލުން ސިޓީއަތުން ބަލިވި ބަލިވުމަށް ހިފުރނު ރަނގަޅު ބަދަލު ހިފުމެކެވެ.