ވިޔަފާރި

އެސްޓީއޯގެ އާމްދަނީ މިދިޔަ އަހަރު 11.24 ބިލިއަނުގައި


2021 ވަނަ އަހަރު ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 32 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ހިސާބުތައް އިއްޔެވަނީ އެ ކުންފުނީގެ ވެބްސައިޓްގައި އާންމުކޮށްފައެވެ. އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވަނީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 26 އިންސައްތަ އިތުރުވެފައިވުމާއި، ފިޝަރީސް، ޝިޕިންގ އަދި ގޭހުގެ އާމްދަނީ އިތުރުވުމުން ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އެސްޓީއޯއިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވުމާއެކު 2021 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ކުންފުންޏަށް ވަނީ 10.2 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯގެ ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސްއަށް ކެނޑުމަށްފަހު ކުންފުނީގެ ސާފު ފައިދާއަކީ 487 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 35 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، ވިއްކި ތެލުގެ އަދަދު އިތުރުވުމާއިއެކު ކުންފުނިން ކުރަމުންގެންދިޔަ އެހެނިހެން ވިޔަފާރި ރަނގަޅު ވުމެވެ.