އަފްޣާނިސްތާނުގެ އަހަރީ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ފުރިހަމަކުރުމަށް އެ ޤައުމަށް 500 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
އަފްޣާނިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ޢަބްދުލް ސަލާމު ޙަނަފީ ވިދާޅުވީ އެ ޤައުމަށް ލިބޭ އާމުދަނީއަށްވުރެ ކުރަން ހުރި މުޙިއްމު ކަންކަމަށް ކުރަންޖެހޭ ޚަރަދު ބޮޑުކަމަށެވެ. އޭނާ ވިދާޅުވީ އަފްޣާނިސްތާނުގައި ފާސްކޮށްފައިވަނީ 2.6 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއްކަމަށެވެ. ނަމަވެސް އެ ޤައުމަށް ލިބޭނެ އާމުދާނީކަމަށް އަންދާޒާކޮށްފައިވަނީ 2.1 ބިލިއަން އެމެރިކާ ޑޮލަރެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޤައުމުން އާމުދަނީ ހޯދަނީ ދަޢުލަތުގެ ވުޒާރާއިންނާއި ކަސްޓަމުން ނަގައި ފީތަކުންނާއި މައުދަން ނަގައިގެންނެވެ.
ޠާލިބާނު ޖަމާޢަތުން އެނބުރި ވެރިކަމަށް އައުމަށްފަހު ފާސްކުރި ފުރަތަމަ ބަޖެޓުގައި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އަފްޣާނިސްތާނުގެ އުމުރާނީ ތަރައްޤީއަށް 317 މިލިޔަން އެމެރިކާ ޑޮލަރު ހިމަނާފައިވެއެވެ. ނަމަވެސް ދިފާޢީ ދާއިރާއަށާއި ތަޢުލީމީ ދާއިރާފަދަ މުޙިއްމު ދާއިރާތަކަށް ޚަރަދުކުރުމަށް ނިންމާފައިވާ ޢަދަދެއް އަފްޣާނިސްތާނުގެ ސަރުކާރުން ޢާއްމުކޮށްފައެއް ނުވެއެވެ. ޠާލިބާނުންވަނީ އެންމެން ޝާމިލުވާ ތަޢުލީމީ ނިޒާމަކަށް އެ ޤައުމުން ޚަރަދުކުރާނެކަމަށެވެ. ނަމަވެސް އަންހެން ކުދިންނަށް ތަޢުލީމުގެ ފުރުޞަތު ދޭނެކަމެއް އެ ޖަމާޢަތުން ބުނެފައެއް ނުވެއެވެ.
2001ވަނަ އަހަރުގެ ތެރޭގައި އޭރު އަފްޣާނިސްތާނުގެ އޮތް ޠާލިބާން ޖަމާޢަތުގެ ވެރިކަން ނިމުމުން އެ ޤައުމުން ބަރޯސާވެފައިވަނީ ބޭރުގެ އެހީއަށެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ ޤައުމުގެ ވެރިކަމަށް ޠާލިބާނުން އައުމުން އެ ޤައުމަށް ލިބެމުންދާ އެހީތެރިކަން މަދުވެ އެ ޤައުމުގެ އެތައް މިލިޔަން މީހުންނެއްވަނީ ޙާލުގައިޖެހިފައެވެ. އޭގެ އިތުރުން އަފްޣާނިސްތާނުގެ ނުވަ ބިލިޔަން އެމެރިކާ ޑޮލަރާއި ގިނަ ޢަދަދެއްގެ މުދައި އެމެރިކާއިންވަނީ ހިފަހައްޓައިފައެވެ.