ސުރީ ލަންކާގެ އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ބައެއް މެންބަރުން ޢައްޔަނުކޮށްފިއެވެ.
ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން މަހިންދަ ރާޖަޕަކްސަވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. އޭނާގެ ބަދަލުގައި ބޮޑުވަޒީރުގެ މަޤާމަށް ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޢައްޔަންކުރައްވާފައިވަނީ ރަނިލް ވިކްރަމަސިންހައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ސުރީ ލަންކާގައި ހިނގި ހަމަނުޖެހުންތަކުގައި ނުވަ މީހުން މަރުވެ 300އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އެ ޤައުމުގެ ސަލާމަތީ ބާރުތަކުންވަނީ ހަމަނުޖެހުން ހިންގިކަމުގެ ތުޙުމަތުގައި 230 މީހުން ހައްޔަރުކޮށްފައެވެ.
ސިޔާސީގޮތުން ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ބޮޑުވަޒީރުގެ މަޤާމަށް ރަނިލް ވަޑައިގެންފައިވަނީ މަހިންދައާއި ގޮތަބަޔާ ނިޞްބަތްވަޑައިގަންނަވާ ސުރީ ލަންކާ ޕޮޑުޖާނާ ޕެރަމޫނާ، އެސްއެލްޕީޕީގެ ތާޢީދާއެކުއެވެ. އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުންވަނީ ސަރުކާރާ ގުޅުމަށް ދެކޮޅުހަދައިފައެވެ. އެހެންކަމުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހަށް ރަނިލް ޢައްޔަންކުރައްވާފައިވަނީ އެސްއެލްޕީޕީއަށް ނިޞްބަތްވާ ހަތަރު މެންބަރުންނެވެ. ނަމަވެސް އެއީ އެ ޤައުމުގެ ޢާއްމުން ބަލައިގަންނަ ނިންމުމެއް ނޫނެވެ.
ސުރީ ލަންކާގައި ޞުލްޙަވެރިކަމާއެކު މުޒާހަރާކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ވިދާޅުވެ މުޒާހަރާކުރާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ރަނިލްވަނީ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވައި އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ކާފިޔު އުވާލައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ މުޒާހަރާކުރަމުންދާ ޢާއްމުންނާ މަޝްވަރާކޮށްގެން އެ މީހުން ބޭނުންވާ ބަދަލުތައް ގެންނެވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.