ރާއްޖޭގައި ޑެންޑީ ހުން ފެތުރުން، މިދިޔަ މަހު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ. މިދިޔަ މަހާ އަޅާބަލާއިރު ނިސްބަތުން ގިނަ ބަޔަކު ޑެންގީ ޖެހިގެންވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖޭގައި މިދިޔަ އޭޕްރީލްމަހު ގިނަ ބަޔަކުވަނީ ޑެންގީޖެހިގެން ރިޕޯޓުކޮށްފައެވެ. އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މާޗްމަހު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 26 މީހުންނެވެ. އަދި މިދިޔަ އޭޕްރީލް މަހު 92 މީހަކުވަނީ ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައެވެ. އެހެންކަމުން ޑެންގީއިން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. މިދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ. އެހެންކަމުން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ބަލި ކޮންޓްރޯލްކުރުމަށް ސަމާލުވާންޖެހެއެވެ. އެގޮތުން މަދިރި އާލާވާފަދަ ތަންތަން ސާފުކޮށް، ވާރޭވެހި ފެން ހަރުލާގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރިން ރައްކާތެރިވެ މިބަލިން ސަލާމަތްވުމަށް ކުރެވޭނެ މުހިއްމު ފިޔަވަޅެކެވެ. އަދި ޢާއްމުކޮށް މަދިރި ގިނަވާ ގަޑިތައް ކަމުގައިވާ ހެނދުނާއި ހަވީރު މަދިރިން ރައްކާތެރިވެވޭނެފަދަ އަންނައުނު ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ބޭނުންކުރުމަކީ މުހިންމުކަމެކެވެ.
ޑެންގީ ޖެހިފައިވާ ފަރާތެއްނަމަ ވީހާވެސް ގިނައިން ދިޔާތަކެއްޗާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި އަރާމުކުރުމަށާއި ގައިގައި ރިއްސާނަމަ ޕެރަސެޓަމޯލް ބޭނުންކުރުމަށްފަހު 3 ދުވަސް ފަހުން ހުން ރަނގަޅުނުވާނަމަ ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު އަރިދަފުސް ރޯގާއާއި ބޭރަށް ހިނގުމާއި ހޮޑުލުން އޭޕްރީލްމަހުގައިވަނީ މިދިޔަ މާޗްމަހަށްވުރެ މަދުވެފައެވެ. އެގޮތުން އަރިދަފުސްރޯގާގެ 14399 ކޭސް މާޗްމަހު ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ ޖުމްލަ 12978 ކޭސްއެވެ. އަދި ބޭރަށް ހިނގުމާއި ހޮޑުލުމުގެ 2063 ކޭސް މާޗްމަހު ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ 1575 ކޭސްއެވެ. މިބަލިތައް ފެތުރުން މަދުވިނަމަވެސް ރައްކާތެރިވުމަށްޓަކާ ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ. އަދި ބަލީގެ ޢަލާމަތްތައް ފެންނަނަމަ ގޭގައި މަޑުކޮށް މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަކީ މުހިއްމުކަމެކެވެ. އެޗްޕީއޭއިން ވިދާޅުވީ ވައިރަލް ހުމާއި ފާނަ ބަސަންދު އަދި ލޮލުރޯގާފަދަ ބަލިތައް ޢާއްމުކޮށް ރިޕޯޓުކުރާ މިންވަރަށްވުރެ އިތުރުވެފައިނުވާކަމަށެވެ.