ޚަބަރު

މައްސަލަތައް ލަސްވާނަމަ ޝަރުޢީ ވަފްދަކާ ޙަވާލުކުރައްވަނީ


ޝަރުޢީ ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް ނިންމެވުމުގައި އެކަށީގެންވާ ވަރަށްވުރެ ލަސްވެފައިވާކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެއްވޭނަމަ އެކޯޓުން އެކުލަވާލައްވާ ޝަރުޢީ ވަފްދަކާ އެމައްސަލަ ބެއްލެވުމަށް ޙަވާލުކުރެވޭގޮތަށް ހަމަޖައްސަވައިފިއެވެ.ސުޕްރީމް ކޯޓުން ނެރުއްވި ސާކިއުލަރއެއްގައި ވިދާޅުވެފައިވަނީ ޝަރުޢީ ކޯޓަކަށް ހުށައެޅިފައިވާ މައްސަލައެއް އެކަށީގެންވާ ވަރަށްވުރެ ލަސްވާކަމުގެ ޝަކުވާއެއް ސުޕްރީމް ކޯޓަށް ލިބިވަޑައިގެންފިނަމަ އަދި އެމައްސަލައެއް ނިންމުމުގައި އެކަށީގެންވާ ވަރަށްވުރެ ލަސްވެފައިވާކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ފެނިވަޑައިގެންފިނަމަ އެމައްސަލައެއް ބެއްލެވުމަށް މައްސަލަ ހުށައެޅުނު ކޯޓެއްގެ އެހެން ފަނޑިޔާރަކާ ސުޕްރީމް ކޯޓަށް ލިބިވަޑައިގެންފައިވާ ބެލެނިވެރިކަމުގެ އިޙްތިޞާސްގެ ދަށުން ޙަވާލުރައްވާނެކަމަށެވެ. ނުވަތަ ސުޕްރީމް ކޯޓުން އެކުލަވާލައްވާ ޝަރުޢީ ވަފުދަކާ އެމައްސަލައެއް ބެއްލެވުމަށް ޙަވާލުކުރެވޭނެކަމަށެވެ.އަދި މަޤުބޫލު ސަބަބެއް ނެތި އެމައްސަލައެއް ލަސްކޮށްފައިވާނަމަ ކަނޑައެޅިފައިވާ އުޞޫލުން ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށް މިސާކިއުލަރގައިވެއެވެ.