ކުޅިވަރު

ސީ ގޭމްސް އިންސާފުކުރުމުގެ ޝަރަފު މުންތޭ އާއި އިއްބެއަށް


ވިއެޓްނާމުގެ ހަނޯއިގައި މިހާރު ކުރިއަށްދާ 31 ވަނަ ސައުތު އީސްޓް އޭޝިއަން ގޭމްސްގައި އިންސާފުކުރުމުގެ ފުރުސަތު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް (މުންތޭ) އާއި މޯލްޑިވްސް ބޮޑީބިންޑިން އެސޯސިއޭޝަނުގެ ރައީސް އިބްރާހީމް ހަމީދަށް ލިބިވަޑައިގެންފިއެވެ.

ސީ ގޭމްސްގެ އެތުލެޓިކްސްގެ ޓެކްނިކަލް އޮފިޝަލުންގެ ތެރޭގައި މުންތޭ ހަމަޖެއްސިއިރު، އިއްބެ ހިމެނީ ބޮޑީބިލްޑިން ޑިސިޕްލިންގެ ނިއުޓްރަލް ޖަޖެއްގެ ގޮތުގައެވެ.

މީގެ ކުރިން މުންތޭ ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްގެ އިސް ޓެކްނިކަލް އޮފިޝަލުގެ މަގާމު ފުރައިފައެވެ. އޭގެ އިތުރުން ޓޯކިޔޯ އޮލިމްޕިކްސްގެ ޗެފް ޑި މިޝަނަރަކަށް ވެސް މަސައްކަތް ކުރެއްވިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެގްޒެކްޓިވް ބޯޑު މެމްބަރެއްގެ މަގާމު ފުރުއްވަމުން އަންނަ، ރާއްޖޭގެ ބޮޑީބިލްޑިން ރައީސް، އިއްބެ ވަނީ މީގެ ކުރިން ބޮޑީބިލްޑިންގެ ބައިނަލްއަގުވާމީ އެކި ލެވަލްތަކުގެ މުބާރާތްތަކުގައި ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އެ ގޮތުން ބޮޑީބިލްޑިންގެ ސައުތު އޭޝިއަން ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންޝިޕްގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕް ހިމެނެއެވެ.

ރާއްޖޭގެ އޮފިޝަލުން ވަނީ އެކި ކުޅިވަރުތަކުގެ ބައިނަލްއަގުވާމީ އިވެންޓުތަކުގެ އިތުރުން މަލްޓި ސްޕޯޓްސް ގޭމްސްތަކުގައިވެސް އޮފިޝަލުކަން ކޮށްފައެވެ.