ކުޅިވަރު

އޭޝިއަން ކަޕް ޗައިނާގައި ނުބާއްވަން ނިންމައިފި


އަންނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް، ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގައި ބޭއްވެން ނެތް ކަމަށް އަންގައިފިއެވެ.

އޭޝިއަން ކަޕް 2023 ޗައިނާގެ 10 ސިޓީއެއްގައި ބާއްވަން ނިންމާފައި އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ 16 އިން ޖުލައި މަހުގެ 16 ގެ ނިޔަލަށެވެ. ޗައިނާއަށް މި މުބާރާތް ބޭއްވުމުގެ ފުރުސަތު ދީފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އޮތް އޭއެފްސީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ.

އެކަމަކު މި ވަގުތު ކޮވިޑް-19 ހާލަތު އޮތްގޮތުން، ޗައިނާގައި މުބާރާތް ނުބޭއްވޭނެކަން އެ ގައުމުން މިހާރު ވަނީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް އަންގާފައެވެ.

އެއާއެކު އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނީ މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި، ލޯކަލް އޯގަނައިޒިން ކޮމިޓީއާއެކު ވަރަށް ގާތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެކަމަކު ޗައިނާއަށް މި މުބާރާތް ނުބޭއްވޭ ސަބަބު ގަބޫލުކުރާ ކަމަށާއި، އެހެންކަމުން އަންނަ އަންނަ އަހަރުގެ މުބާރާތް ބާއްވާނެ ގައުމަކާ ގުޅޭ މައުލޫމާތު ކުރިއަށް އޮތްތަނުގައި ހިއްސާކުރާނެ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ޗައިނާގައި އޭޝިއަން ކަޕް ނުބޭއްވޭނެ ކަމަށް އެންގިއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާގެ ހަންޒޫގައި ބާއްވަން ތާވަލުކޮށްފައި އޮތް އޭޝިއަން ގޭމްސްވެސް މިހާރު ވަނީ ފަސްކޮށްފައެވެ. އަދި މި އަހަރު ޑިސެމްބަރު މަހު ޗައިނާގެ ޝަންޓޯގައި ބާއްވަން ތާވަލުކުރި އޭޝިއަން ޔޫތު ގޭމްސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.

އަންނަ އަހަރުގެ އޭޝިއަން ކަޕް ބާއްވާއިރު، މިހާތަނަށް 13 ގައުމެއް ވަނީ މުބާރާތަށް ކޮލިފައިވެފައެވެ. ބާކީ 11 ގައުމު ހޮވުމަށް ކުޅޭ ކޮލިފައިން ފަހު ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.

ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނިފައިވަނީ ސްރީ ލަންކާ، އުޒްބެކިސްތާން އަދި ތައިލެންޑާއެކު އެއް ގްރޫޕެއްގައެވެ. ކޮލިފިކޭޝަނުގެ ގްރޫޕް ސްޓޭޖު މެޗުތައް އަންނަ ޖޫން މަހު ސެންޓްރަލައިޒްކޮށްގެން ކުޅޭނީ އުޒްބެކިސްތާނުގައެވެ.