ކުޅިވަރު

މެސީގެ ދެ ލަނޑާއެކު ޕީއެސްޖީއަށް މޮޅެއް


ފްރެންޗް ލީގުގައި ރޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކާމިޔާބުކުރި ދެ ލަނޑާއެކު ޗެމްޕިއަން ޕީއެސްޖީން މޮންޕެލިއޭ ބަލިކޮށްފިއެެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ހަވަނަ މިނެޓުގައި އޭރިއާ ތެރެއިން ކީލިއަން އެމްބާޕޭ ދިން ބޯޅއަކުން މެސީ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ލަނޑެއް ޖަހައި، ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މި ފަހަރު ލީގުގައި 25 މެޗުން މެސީ ޖެހި ހަވަނަ ލަނޑެވެ.

ޕީއެސްޖީން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ޖަހައިދިނީ އެންހެލް ޑި މާރިއާއެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. މިއީ އޭރިއާ ތެރެއިން އެމްބާޕޭއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު 37 މެޗުން ލިބުނު 83 ޕޮއިންޓާއެކުއެވެ. މި ފަހަރުގެ ލީގު ޗެމްޕިއަންކަން ޕީއެސްޖީން ކަށަވަރުކުރީ ބާކީ ހަތަރު މެޗު އޮއްވައެވެ. ތާވަލުގެ ދެވަނައިގައި އޮތް މާސޭއަށް 37 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ މިހާރު އޮތީ އެންމެ މެޗެކެވެ.