ކުޅިވަރު

ވަދާއީ މެޗުގައި ހާލަންޑް ޖެހި ލަނޑާއެކު ޑޯޓްމުންޑަށް މޮޅެއް


ބޮރޫޝިއާ ޑޯޓްމަންޑަށް ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކުޅެދިން ވަދާއީ މެޗުގައި ޖެހި ލަނޑާއެކު، ޑޯޓްމަންޑުން ހާތާ ބާލިން ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗާ ކުރިމަތިލުމުގެ ކުރިން އުމުރުން 21 އަހަރުގެ ހާލަންޑް މެންޗެސްޓާ ސިޓީއަށް ބަދަލުވާން ނިންމާފައިވާކަން އެ ކުލަބުން ވަނީ އިއުލާންކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޓީން ވަނީ ޑޯޓްމުންޑާއެކު 51.2 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް އެއްބަސްވެފައެވެ.

ޑޯޓްމުންޑާއެކު ސިޓީން އެއްބަސްވުމަކަށް އާދެވިފައިމިވަނީ ހާލަންޑޫގެ އެއްބަސްވުމުގައި ހިމެނޭ ރިލީސް މާއްދާގައިވާ އަދަދު ކަމަށްވާ 60 މިލިއަން ޔޫރޯ ދޭން އެއްބަސްވުމުންނެވެ. މި އެއްބަސްވުމާއެކު މި އަހަރުގެ ޖުލައި މަހު ހާލަންޑް ސިޓީއާ ގުޅޭނެއެވެ.

އެއާއެކު ރޭ ހާތާ ބާލިންއާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ޑޯޓްމުންޑުގެ ދަަނޑުގައި ތިބި އެ ޓީމުގެ ސަޕޯޓަރުން ވަނީ ހާލަންޑް ކުލަބަށް ކޮށްދިން ޚިދުމަތުގެ އަގުވަޒަންކޮށްފައެވެ.

މި މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ހާތާ ބާލިންއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޝާކް ބެލްޑޮފިލެވެ. އެކަމަކު މެޗުގެ 68 ވަނަ މިނެޓުގައި އިތުރު ޕެނަލްޓީއަކުން ހާލަންޑް ވަނީ ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ޑޯޓްމުންޑް މޮޅުވީ މެޗުގެ 84 ވަނަ މިނެޓުގައި ޔޫސެފާ މޫކޯކޯ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.

މި މެޗުގައި ހާލަންޑް ލަނޑު ޖެހިއިރު، އޭނާ ވަނީ މި ސީޒަނުގައި އެ ޓީމަށް ކުޅުނު 30 މެޗުން 29 ލަނޑު ޖަހާފައެވެ. އަދި 2020 ވަނަ އަހަރު ރެޑްބުލް ސާލްޒްބާގުން ޑޯޓްމުންޑަށް ބަދަލުވި ހާލަންޑް ވަނީ އެ ޓީމަށް ކުޅުނު 89 މެޗުގައި ޖުމްލަ 86 ލަނޑު ޖަހާފައެވެ.

ރޭގެ މޮޅާއެކު ޑޯޓްމުންޑުން ލީގު ނިންމާލީ ދެވަނައިގައި އޮވެގެންނެވެ. އެގޮތުން އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ބަޔާނަށް 34 މެޗުން 77 ޕޮއިންޓް ލިބުނުއިރު، ޑޯޓްމުންޑަށް 34 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.