ޚަބަރު

ވިލިމާލެ ބައި-އިލެކްޝަންގެ ވޯޓް އަލުން ގުނަން އެމްއެންޕީން ހުށަހަޅަނީ


މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވޯޓް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނަށް ހުށެހެޅުމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ނިންމައިފިއެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ، ވިލިމާލެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާއާއި، އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއެވެ. އަދި އިންތިޚާބު އެންމެ ވޯޓެއްގެ ތަފާތުން ކާމިޔާބުކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ނާޒިމާއެވެ. މިގޮތުން ނާޒިމާއަށް 359 ވޯޓް ލިބުނުއިރު، އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިވަޑައިގަތީ 358 ވޯޓެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެމްއެންޕީގެ ސްޕޯކްސްޕާސަން އަސްރާ އަހުމަދު ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބެލުމަށްފަހު، އިންތިހާބުގެ ވޯޓް އަލުން ގުނުމަށް އިލެކްޝަންސްއަށް ހުށަހެޅުމަށް އެމްއެންޕީން ނިންމާފައިވާކަމަށެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ، ވިލިމާލެ ދާއިރާގެ ބައި އިލެކްޝަންގައި 2900 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި މި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. މި ހުރިހާ ފޮށްޓެއްވެސް ބަހައްޓާފައިވަނީ ވިލިމާލެ މުޙްޔިއްދީން ސްކޫލުގައެވެ.

މި އިންތިޚާބުގައި ޕީޕީއެމްއާއި އެމްއެންޕީގެ އިތުރުން އެހެން ޕާޓިއަކުން ވާދައެއް ނުކުރެއެވެ. މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށައެޅުމުންނެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީމަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.