ޚަބަރު

ޔޫއޭއީގެ އައު ރައީސަކަށް ވަރުގަދަ ޢަރަބި ޝަޚުޞިއްޔަތެއް


ޔޫއޭއީގެ ރައީސްގެ މަޤާމަށް މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނު އިންތިޚާބުކޮށްފިއެވެ. އޭގެ އިތުރުން އޭނާވަނީ އަބޫ ދާބީގެ އިސްވެރިޔާގެ މަޤާމާވެސް ޙަވާލުވެވަޑައިގެންފައެވެ.

ޔޫއޭއީގެ އައު ރައީސްގެ މަޤާމަށް މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނު އިންތިޚާބުކޮށްފައިވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގައި ބުނެފައިވާގޮތަށް އެ ޤައުމުގެ ހަތް ރަށުގެ އިސްވެރިންގެ ބައްދަލުވުމެއްގައެވެ. ޔޫއޭއީގެ ރައީސްގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބުކޮށްފައިވަނީ އެ މަޤާމުގައި ހުންނެވި ޢުމުރުފުޅުން 73 އަހަރުގެ ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާނު އަވަހާރަވުމުންނެވެ. އޭނާއަށް 2014ވަނަ އަހަރުގެ ތެރޭގައި ސުޓްރޯކެއް ޖެހިވަޑައިގަތުމުން ވެރިކަމުގެ މުޙިއްމު މަސްޢޫލިއްޔަތުތައް ޢަދާކުރެއްވީ އޭނާގެ ވަލީޢަހުދު އަދި އެއްބަފާ ކޮއްކޯފުޅު މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނެވެ.

ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނުވަނީ ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ޔޫއޭއީއަކީ ބައިނަލްއަޤްވާމީ މައިދާނުގައި ނުފޫޒުގަދަ އަދި ބަސްވިކޭ ޤައުމަކަށް ހައްދަވައިފައެވެ. އަދި އޭނާގެ މޭސްތިރިކަމުގެ ދަށުން ޔޫއޭއީގެ އަސްކަރިއްޔާވަނީ ދުނިޔޭގެ ކުރިއަރާފައިވާ ބާރަކަށް ހައްދަވައިފައެވެ. އޭގެ އިތުރުން އިރާނުގައި އޮންނަ ޝިޢީންގެ ވެރިކަމަކީ ސުންނީންގެ ހަތުރުންކަމަށް ބައްލަވައި ޝިޢީ ހަނގުރާމަވެރި ޖަމާޢަތްތަކާ ކުރިމަތިލެއްވުމުގައި އެންމެ ކުރީގައި ހުންނެވި ޢަރަބިވެރިޔަކީ އޭނާއެވެ. އެ ގޮތުން ޔަމަނުގެ ދާޚިލީ ހަނގުރާމާގައި ޔޫއޭއީގެ ފައުޖުތަކުންވަނީ ޝިޢީ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ޚޫޘީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެ އިތުރުން ޔޫއޭއީން އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ގުޅުން ޤާއިމުކުރުމުގެ ފަހަތުގައި ހުންނެވީވެސް އޭނާއެވެ. އެ ގުޅުމުގެ ތެރެއިން ޔޫއޭއީގެ އިޤްތިޞާދާއި އަސްކަރިއްޔާ ތަރައްޤީކުރުމަށް އިސްރާއީލާއެކު މުޙިއްމު އެއްބަސްވުންތަކެއްގައި އޭނާ ސޮއިކުރެއްވިއެވެ.

ޢުމުރުފުޅުން 61 އަހަރުގެ މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނަކީ އެމެރިކާއާ ގާތްގުޅުންތަކެއް ބޭއްވި ނަމަވެސް އެ ޤައުމުން ބޭނުން ހުރިހާ ކަމަކަށް އެއްބަސްވެވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަން ދައްކުވައިދީފައިވާ ބޭފުޅެކެވެ. އެ ގޮތުން 2011ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން މިޞްރުގެ ރައީސް ޙުސްނީ މުބާރަކް ގިނިކަންޏާ ދުކޮށްލައި އެ ޤައުމުގައި ކުރި ބަޣާވާތަށް ތާޢީދުކުރުމުން މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަތެވެ. އެ ހިސާބުން އޭނާ ނިންމެވީ ޔޫއޭއީއަކީ އެމެރިކާގެ ނުފޫޒުން ވަކިވެފައިވާ ޤައުމެއްގެ ގޮތުގައި ކުރިޔަށްދިޔުމަށެވެ. އެ ގޮތުން ގަލްފުގެ ޤައުމުތަކުގެ އިސްވެރިންނާ ދެކޮޅަށް ޢާއްމުން ހިންގައި އެއްވެސް ޙަރަކާތަކަށް ތާޢީދުނުކުރެއްވުމަށް އޭނާވަނީ އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާއަށް ދަންނަވައިފައެވެ. އެ ގޮތަށް އޭނާ ޢަމަލުކުރައްވާފައިވަނީ ދެ ޤައުމުގެ ގުޅުމަށް އަސަރުނުކުރާނެ ގޮތަށް ވަރަށް ޙިކްމަތްތެރިކަމާއެކުއެވެ.

ޢަރަބި ދުނިޔޭގެ ސިޔާސީ މަޞްރަހުގައިވެސް މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނު މުޙިއްމު ދަޢުރެއް އަދާކުރައްވައެވެ. އެ ގޮތުން އޭނާވަނީ 2013ވަނަ އަހަރުގެ ތެރޭގައި މިޞްރުގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރި ބަޣާވާތަށް ތާޢީދުކުރައްވައިފައެވެ. އޭގެ ފަހުން 2017ވަނަ އަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ގަނޑުވަރުގެ ތެރޭގައި ހިނގި ގަޑުބަޑުގެ ތެރެއިން އެ ޤައުމުގެ ވަލީޢަހުދުގެ މަޤާމަށް ވަޑައިގެންނެވި މުޙައްމަދު ބިން ސަލްމާނާއި މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނުގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވިއެވެ. އެއާއެކު ފެނިގެން ދިޔައީ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީން ޔަމަނުގެ ދާޚިލީ ހަނގުރާމާގައި ޢަމަލީގޮތުން ބައިވެރިވެ ޤަޠަރާއެކު އޮތް ގުޅުންތައް ކަނޑާލި ތަނެވެ. އޭގެ އިތުރުން ސޯމާލިޔާއާއި ސޫދާނާއި ލީބިޔާގެ ދާޚީލީ ކަންކަމުގެ ތެރެއަށްވެސް ޔޫއޭއީންވަނީ އެކި ގޮތްގޮތުން ނުފޫޒު ފޯރުވައިފައެވެ. އެ ގޮތުން ސޫދާނުގެ ރައީސް ޢުމަރު ބައްޝާރުގެ ވެރިކަން ބަދަލުކުރަން ކުރި ބަޣާވާތުގެ ފަހަތުގައި އޮތީވެސް ޔޫއޭއީއެވެ.

ހުޅަނގާ ރަޙުމަތްތެރި އަދި ބައިނަލްއަޤްވާމީ މައިދާނުގައި ނުފޫޒުގަދަ އަދި ބަސްވިކޭ ޤައުމަކަށް ޔޫއޭއީވި ނަމަވެސް އެ ޤައުމުން އިސްކޮށްފައިވަނީ އެ ޤައުމުގެ އަމިއްލަ މަޞްލަޙަތެވެ. އެ ގޮތުން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ރަޝިޔާއިން ދޭން ފެށުމުން އެ ޤައުމާ ދެކޮޅަށް އެމެރިކާ އިސްވެ އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ޔޫއޭއީން ތަންފީޒުކޮށްފައެއް ނުވެއެވެ. އަދި އދގެ ސަލާމަތީ މަޖިލީހުގައި ރަޝިޔާއާ ދެކޮޅަށް ވޯޓު ނުދިނުމުގެ އިތުރުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލާއި ގޭސް އިތުރުކޮށްދިނުމަށް އެމެރިކާއިން އެދުނު ނަމަވެސް އެ ގޮތަށް ޢަމަލުކުރަން ޔޫއޭއީންވަނީ ދެކޮޅުހަދައިފައެވެ. އޭގެ އިތުރުން އެމެރިކާ ނުރުހުނު ނަމަވެސް ޔޫއޭއީންވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ގުޅުންބަދަހިކުރުމުގެ މަސައްކަތް ފަށައިފައެވެ.

ޒުވާން ދުވަސްވަރު އިސްލާމީ ފަލްސަފާތަކަށް ލޯބިކުރެއްވި ނަމަވެސް މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނު ވިދާޅުވާ ގޮތުގައި މެދުއިރުމައްޗަށް އޮތް އެންމެ ބޮޑު ނުރައްކަލީ މުސްލިމު ބުރަދާހޫޑެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ޖަމާޢަތުން ޙަރަކާތްތެރިވަނީ އަމިއްލަ މަންފާއަށެވެ. އެހެންކަމުން އިސްލާމީ ވިސްނުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް އޭނާ އެއްވެސް އިތުބާރެއް ނުކުރައްވައެވެ.

ބެލެވޭ ގޮތުގައި ޔޫއޭއީގެ އައު ރައީސްގެ މަޤާމަށް މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނު ވަޑައިގަތުމުން އީރާނާއި ތުރުކީވިލާތްފަދަ ނުފޫޒުގަދަ އިސްލާމީ ޤައުމުތަކާ އޮންނަ ވާދަވެރިކަން ބޮޑުވާނެއެވެ. ނަމަވެސް ޔަޤީންވާ އެއް ކަމަކީ އޭނާ އަބަދުވެސް އިސްކުރައްވާނީ ޔޫއޭއީގެ މަޞްލަޙަތެވެ.