ޚަބަރު

އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ރަޝިޔާގެ މައްސަލަ ބަލާތީ ޗައިނާ ހިތްހަމަނުޖެހިއްޖެ


އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ޔޫކްރެއިނުގައި ރަޝިޔާއިން ހިންގިކަމަށް ބުނާ ލާއިންސާނީ ޖަރީމާތައް ތަޙުޤީޤުކުރަން ނިންމުމުން ޗައިނާއިން ހިތްހަމަނުޖެހުންފާޅުކޮށްފިއެވެ.

ސުވިޓުޒަލޭންޑުގެ ޖެނީވާގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ނިންމާފައިވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެންދިޔަ ޔޫކްރެއިނުގެ ސަރަޙައްދުތަކުގައި ރަޝިޔާގެ ސިފައިން ހިންގާފައިވާކަމަށް ބުނާ ލާއިންސާނީ ޖަރީމާތައް ތަޙުޤީޤުކުރުމަށެވެ. އެ ސަރަޙައްދުތަކުން ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖެހުމުން ޔޫކްރެއިނުގެ ބާރުގެ ދަށަށް އެ ސަރަޙައްދުތައް ގެނެސްފައިވާކަމަށާއި އެ ސަރަޙައްދުތަކުގައި ބޮޑެތި ޖަރީމާތައް ހިންގާފައިވާކަމުގެ ހެކި ލިބިފައިވާކަމަށް ޔޫކްރެއިނުން ތުޙުމަތުކޮށްފައިވެއެވެ.

ރަޝިޔާއިން ހިންގިކަމަށް ބުނާ ލާއިންސާނީ ޖަރީމާތައް ތަޙުޤީޤުކުރުމަށް އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ނިންމީ 33 ޤައުމުގެ ވޯޓުންނެވެ. އެ މައްސަލައާ ދެކޮޅަށް ވޯޓު ދީފައިވަނީ ޗައިނާއިންނާއި އެރިތުރިޔާއިންނެވެ. އަދި 12 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އެ ނިންމުން ފާސްވުމުން ޗައިނާއިން ބުނެފައިވަނީ އެއީ އެ ކައުންސިލުގެ އިތުބާރުގެއްލިގެންދިޔަ ނިންމުމެއްކަމަށާއި އެއީ ސިޔާސީ ނިންމުމެއްކަމަށެވެ.

މީގެ ކުރިން 47 ޤައުމުގެ މައްޗަށް އެކުލެވޭ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ރަޝިޔާވަނީ ބޭރުކޮށްފައެވެ. އެހެންކަމުން އެ ކައުންސިލުގެ ބައްދަލުވުމުގައި ރަޝިޔާއިން ބައިވެރިވެފައެއް ނުވެއެވެ. އެ ކައުންސިލުން ރަޝިޔާ ބޭރުކުރުމުންވެސް ޗައިނާވަނީ ނުރުހުންފާޅުކޮށްފައެވެ.