ޚަބަރު

އެމްޑީޕީގެ އެތެރޭ އިންތިޚާބު: ޕާޓީގެ އިސް ބޭފުޅުން ވޯޓުލައިފި


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ އިސްބޭފުޅުން ވޯޓުލައިފިއެވެ. މިހާތަނަށް އައިއިރު މިއިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްއާއި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ ވޯޓުލައްވާފައެވެ.

މިއިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ވޯޓުލައްވާފައިވަނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިވާ ވޯޓުފޮއްޓަށެވެ. އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲ ގެ އިތުރުން ޗެއަރޕަރސަންގެ މަޤާމަަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލް ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ޗެއާރޕާސަން ކަމަށް ވާދަކުރާ އަނެއް ކެނޑިޑޭޓް ކަމަށްވާ އިމްތިޔާޒް ފަހުމީ ވޯޓު ލެއްވީ ހިރިޔާ ސްކޫލަށެވެ.

އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބުގައި ފޯރި އެންމެ ގަދަވެފައިވަނީ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންމެ މެދުގައެވެ. މިއާއެކު މި އިންތިޚާބު ވެފައިވަނީ އެމް.ޑީ.ޕީ އުފެދުނު ފަހުން މިވީ 17 އަހަރުގެ ތެރޭގައި ބާއްވާ އެންމެ ވާދަވެރި އަދި އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިންތިޚާބަށެވެ. ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކުރައްވަނީ މިހާރުގެ އިކޮނިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ

މިއަދު ކުރިޔަށްދާ އިންތިޚާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމާއި ޒުވާނުން ހިތްވަރުގެ ރައީސަކުވެސް ހޮވާނެއެވެ. އަންހެނުންގެ ރޫގުގެ ރައީސްކަމަށް ވާދަކުރައްވަނީ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު ވަހީދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސާރާއި ރިފްގާ ޝިހާމްއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކާ ޖުމްލަ 194 ރަށެއްގައި އެމް.ޑީ.ޕީން ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އޭގެތެރެއިން މާލޭގައި 87 ފޮށި ބަހައްޓާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވޯޓިފޮށި ބަހައްޓާފައިވެއެވެ. ޗެއަރޕާސަން އިންތިޚާބުކުރަން ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 94211 މެމްބަރުންނަށެވެ. އަންހެނުންގެ ރޫހުގެ ރައީސް އިންތިޚާބުކުރަން 41027 މެމްބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ޔޫތު ވިންގުގެ ރައީސް އިންތިޚާބުކުރަން 32057 މެމްބަރުންނަށް ވޯޓުލެވޭނެއެވެ.

މި އިންތިޚާބުގެ ކަންކަން ވީހާވެސް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް އެމް.ޑީ.ޕީގެ މެންބަރުންގެ ކިބައިން އެ ޕާޓިން ވަނީ އެދިފައެވެ.