ޚަބަރު

މަސްއޫދަށް ދިން ހަމަލާ: މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް


ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް މީހަކު ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވިނަމަވެސް އެކަން ސާބިތުނުވާކަމަށް ހުކުމް ކުރެެއްވި މެޖިސްޓްރޭޓްގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

މި މައްސަލާގައި ހުކުމްކުރައްވާފައިވަނީ ލ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ ޝަރީފުއެވެ. އަލީ ޝަރީފަކީ ދަށުކޯޓްތަކުން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ މެމްބަރުވެސްމެއެވެ.

މަސްއޫދަށް ހަމަލާދިންކަމުގެ ތުހުމަތުގައި ދައުވާކުރީ ލ. ފޮނަދޫ، ދިލްކުސާގެ އަހްމަދު ޝަމީމްގެ މައްޗަށެވެ. މިދިޔަ އަހަރުގެ އޮސްޓްމަހުގެ 3 ވަނަދުވަހުގެ ރޭ މަސްއޫދާއި އެނާގެ އަނބިކަނބަލުން ސައިކަލެއްގައި ދަނިކޮށް އެހެން ސައިކަލެއްގައި ދުއްވާފައި އައި މީހަކު އެ ސައިކަލާއި އަރާހަމަކޮށް ދަގަނޑުބުރިއަކުން މަސްއޫދަށް ހަމަލާދޭތަން ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

މި މައްސަލާގައި ދައުވާކުރި އަހްމަދު ޝަމީމްގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން 11 ހެއްކެއް ހުށައެޅިއެވެ. އޭގެތެރޭގައި މަސްއޫދު ގައިގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯވެސް ހިމެނެއެވެ.

މަސްއޫދުގެ ފަރާތްޕުޅުން ޖޭއެސްސީއަށް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ އޭނާއަށް ހަމަލާދިން މައްސަލާގައި ހުކުމްކުރެއްވި މެޖިސްޓްރޭޓް އަލީ ޝަރީފް ވަކި ފަރާތަކަށް ބުރަވެފައިވާކަމަށެވެ. އަދި ޝަރީއަތުގައި ކުރިން ނިންމާފައިވާ ނިންމުންތަކާއި މެޖިސްޓްރޭޓް ހިލާފުވެފައިވާކަމަށްވެސް މަސްއޫދު ޖޭއެސްސީއަށް ހުށައެޅުއްވި މައްސަލާގައިވެއެވެ. އޭގެތެރޭގައި މި ހަމަލާދިންތަން ފެނުނު މަސްއޫދުގެ އަނބިކަނބަލުން ހެކީގެ ގޮތުގައި ބަލައި ނުގަތުމަށް ނިންމި ނިންމުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ނިންމެވި މެޖިސްޓްރޭޓް ވަނީ މަސްއޫދުގެ ގައިގައި ޖަހާތަން ފެންނަ ވީޑިއޯ ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމާފައެވެ. ސަބަބެއްކަމަށް ހުކުމްގައި ބުނެފައިވަނީ އެއީ ޖިނާއީ އިޖުރާއަތުގެ ގަވައިދާ ހިލާފަށް ހޯދާފައިވާ ހެއްކެއްކަމަށެވެ. އަދި މަސްއޫދުގެ އަންހެނުން ހެކި ބަސް ނުނެގުމަށް ނިންމި ނިންމުމުގައި ވަނީ އޭނާއަކީ މައްސަލާގައި ހިމެނޭ ފަރާތާއި ގުޅޭ ފަރާތެއްވުމުން އޭނާގެ ހެކިބަސް ބަލައި ނުގަނެވޭމެކަމަށެވެ.

މި މައްސަލާގައި ހަމަލާދިންކަމަށް ބުނާ ޝަމީމްގެ ފަރާތުން ހުށައެޅި ހަތަރު ހެކިންގެ ހެކިބަސްވެސް ކޯޓުން ވަނީ ނަގާފައެވެ. އަދި ކޯޓުގެ ނިންމުންވެސް އައިސްފައިވަނީ މި މީހުންގެ ހެކިބަސްތަކުގެ މައްޗަށް ބިނާކޮށެވެ. މި ހަތަރު މީހުންވެސް ކޯޓުގަައި ބުނެފައިވަނީ މަސްއޫދަށް ޝަމީމް ހަމަލާދިންކަމަށް ބުނާ ރޭ ޝަމީމް ހުރީ އެމީހުންނާއި އެކުގައި ގެއެއްގައިކަމަށެވެ.

ފޮނަދޫގައި ދިރިއުޅުއްވަމުން އަންނަ މަސްއޫދުގެ ކާރރުގައިވެސް މީގެ ކުރިން ވަނީ ރޯކޮށްލާފައެވެ. އެ މައްސަލާގައިވެސް މަސްއޫދު ތުހުމަތުކުރައްވަނީ އޭނާއަށް ހަމަލާދިން އަހްމަދު ޝަމީމްގެ މައްޗަށެވެ. އެހެންނަމަވެސް މި މައްސަލައިގެ ތަހުޤީގު އަދި ނިމިފައެއް ނުވެއެވެ.