ޚަބަރު

އެމްޑީޕީގެ އެންމެ ވާދަވެރި އިންތިޚާބު: "އަމާންކަމާއެކު ކުރިއަށްގެންގޮސްދީ!"


މާދަމާ ހެނދުނު ފަށާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ އަމާންކަމާއިއެކު ކުރިއަށްގެންދާ ކަމިޔާބު އިންތިޚާބަކަށް ހަދައިދިނުމަށް އެޕާޓީން ޢާއްމު މެމްބަރުންނަށް އިލްތިމާސްކޮށްފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވަނީ މިކަމަށް ޢާންމު މެމްބަރުންގެ ކިބައިން މިކަމަށް އެދިވަޑައިގަންނަވާފައެވެ.

މާދަމާ ހެނދުނު ބާއްވާ އިންތިޚާބަކީ އެމްޑީޕީގެ ޗެއާޕާސަނާއި އަންހެނުންގެ ރޫހުގެ ރައީސްއާއި ޒުވާނުންގެ ހިތްވަރުގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބެކެވެ. މިއިން ކޮންމެ މަޤާމަކަށްވެސް ބޭފުޅަކު އިންތިޚާބުކުރަނީ 5 އަހަރުގެ މުއްދަކަށެވެ. މި އިންތިޚާބުގެ ފޯރި އެންމެ ގަދަވެފައިވަނީ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންމެ މެދުގައެވެ. މިއާއެކު މިއިންތިޚާބު ވެފައިވަނީ އެމްޑީޕީ އުފެދުނުފަހުން މިހާތަށް ބާއްވާ އެންމެ ވާދަވެރި އަދި އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިންތިޚާބަށެވެ. ޗެއާޕާސަންކަމުގެ މަޤާމަށް ވާދަކުރައްވަނީ މިހާރުގެ އިކޮނިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

ވާދަވެރި އިންތިޚާބުގެ ކެމްޕެއިންނި ވޯޓުލުމަށް ތައްޔާރުވެފައިވާއިރު އެމްޑީޕީގެ ޑެޕިއުޓޫ ޗެއާޕާސަން ޢަލީ ނިޔާޒް ވިދާޅުވެފައިވަނީ މި އިންތިޚާބުގެ އެންމެހައި ކަންކަން އިންތިޒާމްކުރުމުންފެށިގެން ވޯޓުލުމާއި ވޯޓު ގުނުމާއި ނަތީޖާ ޢިއުލާންކުރުމުގެ މަސައްކަތްވެސް ކުރާނީ އެމްޑީޕީގެ މެމްބަރުންކަމެވެ. އަދި އިންތިޚާބު ކާމިޔާބުކުރާނީވެސް އަދި އިންތިޚާބުން ނާކާމިޔާބު ވާނީވެސް އެމްޑީޕީގެ މެމްބަރުންކަން ފާހަގަކުރައްވައި ޢަލީ ނިޔާޒުވަނީ އަބަދުވެސް އެމްޑީޕީން ދައްކަމުންދާ ޑިމޮކްރަސީގެ ތީރި ނަމޫނާ މިފަހަރުވެސް ދެއްކުމަށް އެދިވަޑައިގެންފައެވެ.

މިއިންތިޚާބުގައި ޖުމުލަ 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިޮން މާލޭގައި 87 ފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވޯޓިފޮށި ބަހައްޓާނެއެވެ. ޗެއާޕާސަން އިންތިޚާބުކުރަން ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 94،211 މެމްބަރުންނަށެވެ. އަންހެނުންގެ ރޫހުގެ ރައީސް އިންތިޚާބުކުރަން 41،027 މެމްބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ޔޫތު ވިންގުގެ ރައީސް އިންތިޚާބުކުރަން 32،057 މެމްބަރުންނަށް ވޯޓުލެވޭނެއެވެ.