ޚަބަރު

ޗައިނާގެ ނުފޫޒު ކުޑަކުރަން އާސިޔާނުގެ ޤައުމުތަކަށް އެމެރިކާއިން ޚަރަދުކުރަނީ


ޗައިނާގެ ނުފޫޒުން ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތައް ސަލާމަތްކުރުމަށް 150 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް ދެއްވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަޢުދުވެވަޑައިގެންފިއެވެ.

ދެކުނުއިރުމަތީގެ 10 ޤައުމުގެ މައްޗަށް އެކުލެވޭ ޖަމުޢިއްޔާކަމަށްވާ އާސިޔާނުގެ ޚާއްޞަ ބައްދަލުވުމެއް ބައިޑަންވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ބާއްވަވާފައެވެ. އެއީ 2016ވަނަ އަހަރުގެ ފަހުން އާސިޔާނުގެ ހުރިހާ ޤައުމުތަކަކާއެކު އެމެރިކާގެ ރައީސެއް ބައްދަލުވުމެއް ބޭއްވެވި ފުރަތަމަ ފަހަރެވެ. އަދި އެއީ އެފަދަ ބައްދަލުވުމެއް އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ފުރަތަމަ ފަހަރެވެ. އެ ބައްދަލުވުމުގައި ދެކުނުއިރުމަތީ އޭޝިޔާގައި ޗައިނާއިން އިތުރުކުރަމުންދާ ނުފޫޒާއި ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ބައިޑަންވަނީ މަޝްވަރާކުރައްވައިފައެވެ. އޭނާ ހުށަހެޅުއްވި 150 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީގެ ތެރެއިން 40 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އުމުރާނީ ތަރައްޤީއަށެވެ. އަދި ކަނޑުގެ ސަރަޙައްދުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް 60 މިލިޔަން އެމެރިކާ ޑޮލަރު އަދި ޞިއްޙީ ނިޒާމު ތަރައްޤީކުރުމަށް 15 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކަށް އެމެރިކާއިން ދޭން ވަޢުދުވި 150 މިލިޔަން އެމެރިކާ ޑޮލަރަކީ ނިޞްބަތުން ވަރަށް ކުޑަ ޢަދަދެކެވެ. މިދިޔަ ނޮވެންބަރު މަހު އެކަނިވެސް އެ ސަރަޙައްދުގެ ޤައުމުތަކަށް އެހީގެ ގޮތުގައި 1.5 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ޗައިނާއިންވަނީ ވަޢުދުވެފައެވެ. ނަމަވެސް އާސިޔާނުގައި ހިމެނޭ ވިއެތުނާމާއި މެލޭޝިޔާއާއި ބުރޫނާއީއާއި ފިލިޕީންސަކީ ޗައިނާގެ ނުފޫޒުން ސަލާމަތްވާން ބޭނުންވާ ޤައުމުތަކެވެ. ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި އެ ޤައުމުތަކާ ޗައިނާއާ އޮތް ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.