ކުޅިވަރު

އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނިކޮލާ ޔޮކިޗް ހޯދައިފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިފަހަރުވެސް ޑޭންވާ ނަގެޓްސްއަށް ކުޅެމުން އަންނަ ނިކޮލާ ޔޮކިޗް ހޯދައިފިއެވެ.

މިއީ އޭނާ މިމަގާމް ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. ،މިކާމިޔާބީއާއެކު ޔޮކިޗް ވެފައިވަނީ މިއެވާރޑް ޖެހިޖެހިގެން ހޯދި 13 ވަނަ ކުޅުންތެރިޔާއަށެވެ.

ކުޅިވަރު ލިޔާ ފަރާތްތަކާއި ބްރޯޑްކާސްޓާރުންގެ ތެރެއިން ހޮވާލެވޭ 100 މެންބަރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވަމި ޕެނަލްއަކުން ހޮވި މިއެވާރޑްގައި ޔޮކިޗްއަށް ވަނީ 875 ޕޮއިންޓް ލިބިފައެވެ. މީގެތެރޭގައި 65 ފަސްޓް ޕްލޭސް ވޯޓްވެސް ހިމެނުނެވެ.

ދެވަނައަށް މިފަހަރު ދިޔައީ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްގެ ސެންޓަރ ޖޮއެލް އެމްބިޑްއެވެ. އޭނާއަށް ލިބިފައިވަނީ 26 ފަސްޓް ޕްލޭސް ވޯޓާއެކު 706 ވޯޓެވެ. އަދި ތިންވަނައަށް ތިޔަ މިލްވައުކީ ބަކްސްގެ ފޯވަދް ޖިއާނިސް އެންޓެޓޮކޮއުމްޕޯއަށް ލިބުނީ 595 ވޯޓެވެ. ހަތަރުވަނައަށް ދިޔަ ފީނިކްސް ސަންސްގެ ގާރޑް ޑެވިން ބޫކަރއަށް 216 ޕޮއިންޓް ލިބުނުއިރު ފަސްވަނައަށް ދިޔަ ޑެލަސް މެވްރިކްސްގެ ގާރޑް ލުޚާ ޑޮންޗިޗްއަށް ލިބުނީ 146 ޕޮއިންޓެވެ.

މިއީ މިއެވާރޑަށް ވާދަކުރި ގަދަ ފަހެއްގެ ތެރޭގައި ބައިނަލްއަޤަވާމީ ހަތަރު ކުޅުންތެރިން ހިމެނުނުވެސް ފުރަތަމަ ފަހަރެވެ. މިގޮތުން ޔޮކިޗް ސަރބިއާއަށް ނިސްބަތްވާއިރު، އެމްބިޑްއަކީ ކެމެރޫންގެ ކުޅުންތެރިއެވެ. އެންޓެޓޮކޮއުމްޕޯ ގްރިސްއަށް ނިސްބަތްވާއިރު ޑޮންޗިޗްއަކީ ސްލޮވީނިއާ ކުޅުންތެރިއެކެވެ.

މިސީޒަންގައި ޔޮކިޗްވަނީ އެވްރެޖްކޮށް 27.1 ޕޮއިންޓް ހޯދާދީ 13.8 ރީބައުންޑް ނަގާދީ 7.9 އެސިސްޓް ކޮށްފައެވެ. އަދި މިސީޒަންގައި އޭނާވަނީ 74 މެޗް ކުޅެ މެޗެއްގައި އާންމުކޮށް 33.5 މިނެޓް ކުޅެފައެވެ.