ކުޅިވަރު

ރެއާލަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކަށް ބެންޒެމާ


ސްޕެނިޝް ލީގުގައި ލެވާންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއެކު، ރެއާލް މެޑްރިޑަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓަށް ކަރީމް ބެންޒެމާ އަރައިފިއެވެ.

ރޭގެ ލަނޑާއެކު ބެންޒީމާ މިހާރުވަނީ ރެއާލްއަށް 323 ލަނޑު ކާމިޔާބުކޮށްދީފައެވެ. ބެންޒީމާއާއެކު މިލިސްޓުގައި ދެން ހިމެނެނީ ރައުލް ގޮންޒާލޭސްއެވެ. ރެއާލްއަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވަނީ 450 ލަނޑު ކާމިޔާބުކޮށްދީފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޭ ކުޅުނު މެޗް ރެއާލުން ކާމިޔާބުކުރީ 6-0 ގެ ތަފާރތު ބޮޑު ނަތީޖާއަކުންނެވެ.

މިމެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހާދިނީ ފަރލަންޑް މެންޑީއެވެ. އަދި ދެވަނަ ލަޏޑު ބެންޒީމާ 19 ވަނަ މިނެޓްގައި ޖަހާދިން އިރު 34 ވަނަ މިނެޓްގައި ތިންވަނަ ލަޏޑު ޖަހާދިނީ ރޮޑްރިގޯއެވެ. އަދި ފަހު ތިންލަނޑު މެޗްގެ 45، 68 އަދި 88 ވަނަ މިނެޓްގައި ޖަހާދީ ވިނީޝިއަސް ޖޫނިއަރވަނީ މިމެޗްގައި ހެޓްރިކް ހަދާފައެވެ.

މިކާމިޔާބީއާއެކު މިސީޒަންގެ ލަލީގާގެ ޗެމްޕިއަންކަން މިހާރުވެސް ލިބފައިވާ ރެއާލްއަށް މިވަނީ 36 މެޗުން 84 ޕޮއިންޓް ލިބިފައެވެ. އަދި މިމެޗުން ބަލިވުމާއެކު ލެވެންޓޭ މިވަނީ 36 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ރެލިގޭޓް ވެފައެވެ.