ޚަބަރު

ކޯވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާގައި ބަޔަކު މަރުވެއްޖެ


ކޯވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ބަޔަކު މަރުވެއްޖެކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ.

ދުނިޔޭގެ ހުރިހާ ޤައުމެއްގައި ހަލުވިކަމާއެކު މީގެ ކުރިން ބަލިމަޑުކަން ފެތުރުނު ނަމަވެސް އުތުރު ކޮރެޔާއިން ބުނެފައިވަނީ އެ ޤައުމުގެ އެއްވެސް މީހަކަށް ބަލިނުޖެހޭކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގެ އެތައް ސަތޭކަހާސް ޢާއްމުންނެއް އާދަޔާޚިލާފަށް ހުންގަދަވެގެން ފަރުވާހޯދާފައިވެއެވެ. އެއާއެކު ކޯވިޑް-19 ޖެހިގެން ބަޔަކު މަރުވިކަން ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާއިން އިޢުތިރާފުވުމުން އެ ޤައުމުގެ ޞިއްޙީ ނިޒާމުގެ ޤާބިލުކަމާމެދުވަނީ ސުވާލުއުފެދިފައެވެ. ޒަމާނުއްސުރެ އުތުރު ކޮރެޔާއަކީ ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުން ދުނިޔެއާ ވަކިވެގަނެފައިވާ ޤައުމެކެވެ. އެހެންކަމުން އެ ޤައުމާބެހޭ މަޢުލޫމާތެއް އެނގެނީ އެ ޤައުމުން ޢާއްމުކުރުމުން އެކަންޏެވެ.

އުތުރު ކޮރެޔާގެ ޤައުމީ ނޫސް އިދާރާއިން ބުނެފައިވަނީ ގޮތްނޭނގޭ ގަދަހުމެއްގެ އަސަރުކުރުމުގެ ސަބަބުން މިދިޔަ އޭޕުރިލް މަހުން ފެށިގެން އެކަހެރިކޮށްގެން 187,800 މީހުންނަށް ފަރުވާދީފައިވާކަމަށެވެ. އަދި ޖުމުލަ 350,000 މީހުންނަށް ހުމުގެ އަސަރުކޮށްފައިވާކަމަށާއި އޭގެ ތެރެއިން 162,200 މީހުން ބަލިން ފަސޭހަވެފައިވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. އެ ޤައުމުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމުލަ ޢަދަދެއް އެ އިދާރާއިން ބުނެފައެއް ނުވެއެވެ. ނަމަވެސް ބަލީގައި ހަ މީހުން މަރުވެފައިވާކަމަށް އެ ޤައުމުންވަނީ ފުރަތަމަ ފަހަރަށް އިޢުތިރާފުވެފައެވެ.

ޞިއްޙީ ތަޖުރިބާކާރުން ބުނެފައިވަނީ އުތުރު ކޮރެޔާގައި ފެތުރޭކަމަށް ބެލެވެނީ ކޯވިޑް-19ގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯންކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ. އަދި އެ ޤައުމުގައި ބައްޔަށް ތަޙުލީލުކުރަނީ ދުވާލަކު 1،400 މީހުންކަމުން އެ ޤައުމުގެ ޙާލަތު ވަޒަން ދަތިކަމަށްވެސް ތަޖުރިބާކާރުން ބުނެފައިވެއެވެ. ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި އެތައް ސަތޭކަހާސް ބަޔަކު ބައިވެރިވި ބޮޑެތި ޤައުމީ އެއްވުންތަކާއި އަސްކަރީ ހިނގާލުންތައް ބާއްވާފައިވެއެވެ.

ކޯވިޑް-19އަށް ތަޙުލީލުކުރުމަށް އުތުރު ކޮރެޔާއިން ބޭނުންކުރަނީ އަމިއްލައަށް އީޖާދުކޮށްފައިވާ ނިޒާމެކެވެ. އަދި ޗައިނާއާ އެ ނޫންވެސް ބައިނަލްއަޤްވާމީ ފަރާތްތަކުން ވެކްސިން ފޯރުކޮށްދޭން ހުށަހެޅި ނަމަވެސް އެ ޤައުމުންވަނީ އެ ހުށަހެޅުންތައް ބަލައިގަތުމަށް ދެކޮޅުހަދައިފައެވެ. އެހެންކަމުން އެ ޤައުމުގެ ޒުވާން އާބާދީއަށް ވެކްސިން ދެވިފައެއް ނުވެއެވެ. ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެ ޤައުމުން ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިފައެއް ނުވެއެވެ. ނަމަވެސް އެ ޤައުމަށް ޞިއްޙީ ސާމާނާއި ވެކްސިން ފޯރުކޮށްދޭނެކަމަށް އަވަށްޓެރި ދެކުނު ކޮރެޔާއިންވަނީ ބުނެފައެވެ.