ޚަބަރު

ލަންކާގެ ޢާއްމުން ރަނިލް ބަލައެއް ނުގަނޭ


ސުރީ ލަންކާގެ ބޮޑުވަޒީރުގެ މަޤާމުގެ ހުވައި ރަނިލް ވިކްރަމަސިންހަ ކުރެއްވި ނަމަވެސް އޭނާއާ ދެކޮޅަށް އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާއްމުން އަޑުއުފުލަން ފަށައިފިއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން މަހިންދަ ރާޖަޕަކްސަވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. އޭނާގެ ބަދަލުގައި ބޮޑުވަޒީރުގެ މަޤާމަށް ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޢައްޔަންކުރައްވާފައިވަނީ ރަނިލް ވިކްރަމަސިންހައެވެ. ނަމަވެސް އެ ޤައުމުގެ ޢާއްމުން ތިބީ އެ ނިންމެވުން ބަލައިގަންނަން ދެކޮޅުހަދައި މުޒާހަރާތައް ހުއްޓާލައި ގޮތަކަށް ނޫނެވެ. އެ މުޒާހަރާތަކުގައި ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ނުވަ މީހުން މަރުވެ 300އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.

ސިޔާސީގޮތުން ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ސުރީ ލަންކާގެ ބޮޑުވަޒީރުގެ މަޤާމު ޢަދާކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ޤާނޫނުހަދާ މަޖިލީހުގައި ރަނިލްގެ ޔުނައިޓަޑު ނޭޝަނަލް ޕާޓީ، ޔޫއެންޕީއަށް ނިޞްބަތްވަޑައިގަންނަވާ ހަމައެކަނި މެންބަރަކީ އޭނާއެވެ. އެހެންކަމުން އޭނާ ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގެންފައިވަނީ މަހިންދައާއި ގޮތަބަޔާ ނިޞްބަތްވަޑައިގަންނަވާ ސުރީ ލަންކާ ޕޮޑުޖާނާ ޕެރަމޫނާ، އެސްއެލްޕީޕީގެ ތާޢީދާއެކުއެވެ. އަމިއްލަ ގިނަ މެންބަރުންގެ ތާޢީދާއެކު މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތެއް އޮތްކަން ފާއިތުވި ދުވަސްތަކުގައި އެ ޕާޓީންވަނީ ސާބިތުކޮށްދީފައެވެ. މަޖިލީހުގެ 225 މެންބަރުންގެ ތެރެއިން އިދިކޮޅު ޕާޓީތަކަށް ޔަޤީންވަނީ 58 ގޮނޑިއެވެ. މަހިންދައާއި ގޮތަބަޔާގެ ނިވަލުގައި ބޮޑުވަޒީރުކަން ރަނިލް ހޯއްދެވުމަކީ އޭނާއާމެދު ޢާއްމުން އެންމެ ބޮޑަށް ހިތްހަމަނުޖެހޭ ކަންތަކެވެ. އަދި އެއީ ރާޖަޕަކްސަގެ ނުފޫޒުން ޤައުމު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުންކަމަށް ޢާއްމުން ޤަބޫލުކުރެއެވެ.

ޢުމުރުފުޅުން 73 އަހަރުގެ ރަނިލް ބޮޑުވަޒީރުކަމުގެ ހުވައިކުރެއްވުމަށްފަހު އެންމެ ފުރަތަމަވެސް ބައްދަލުކުރައްވާފައިވަނީ އެ ޤައުމަށް އިންޑިޔާއިން ކަނޑައަޅާފައިވާ ސަފީރާއެވެ. އެ ބައްދަލުވުމުގައި ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ފާއިތުވި މަސްދުވަހުގެ ތެރޭގައި އިންޑިޔާއިންވަނީ 3.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ސުރީ ލަންކާއަށް ފޯރުކޮށްދީފައެވެ. ނަމަވެސް ސުރީ ލަންކާގެ ބޭރު ފައިސާގެ ޢަދަދު 50 މިލިޔަން އެމެރިކާ ޑޮލަރަށް މަދުވެ ތެލާއި ގޭހާއި ބޭހާއި ކާބޯތަކެތި ގަތުމަށްވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޤައުމުގެ މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި ބޭރުގެ އެކި ފަރާތްތަކަށް އެ ޤައުމުން ދައްކަންޖެހޭ ދަރަނި 51 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.

މީގެ ކުރިން ހަތަރު ފަހަރެއްގެމަތިން ސުރީ ލަންކާގެ ބޮޑުވަޒީރުކަން ރަނިލްވަނީ ކުރައްވައިފައެވެ. އެ ގޮތުން އޭނާ އެންމެ ފުރަތަމަ އެ މަޤާމު ފުރުއްވާފައިވަނީ 1993ވަނަ އަހަރުގެ މެއި 7ވަނަ ދުވަހުން 1994ވަނަ އަހަރުގެ އޮގަސްޓު 18ވަނަ ދުވަހަށެވެ. އަދި އޭނާ އެންމެފަހުން އެ މަޤާމުގައި ހުންނެވީ 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15ވަނަ ދުވަހުން 2019ވަނަ އަހަރުގެ ނޮވެންބަރު 21ވަނަ ދުވަހަށެވެ.