ޚަބަރު

މިދިޔަމަހު މީރާއަށް 1.63 ބިލިއަން ރުފިޔާ


މިދިޔަ އޭޕްރީލްމަހު 1.63 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޭޕްރީލްމަހު މީރާއަށް ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އޭޕްރީލްމަހު މީރާއަށް ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު 14.7 އިންސައްތަ އިތުރު އަދަދެކެވެ. މީގެއިތުރުން މިދިޔަ މަހު ބަލައިގަތް އާމްދަނީއަކީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %45.8 އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، އެޕްރީލް 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2012 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއަރޕޯޓް ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެކެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ (ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމާއެކު ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމެއްކަމަށްވެސް މީރާއިން ބުނެއެވެ.

އެޕްރީލް 2012ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 60 އިންސައްތަ ނުވަތަ 977.88 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއިންނެވެ. އެއީ 9.4 އިންސައްތަ ނުވަތަ 153.60 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 124.72 މިލިއަން ރުފިޔާ (%7.7)، ގްރީން ޓެކްސްގެ ގޮތުގައި 87.25 މިލިއަން ރުފިޔާ (%5.4)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 76.71 މިލިއަން ރުފިޔާ (%4.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 210.12 މިލިއަން ރުފިޔާ (%12.9) ލިބިފައިވެއެވެ.

އެޕްރީލް 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.65 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށްވެސް މީރާއިން ބުނެއެވެ.