މިހަފްތާ ބަންދު ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މިހަފްތާ ބަންދުގެ މޫސުން ލަފާކުރާ ގޮތުގައި އުތުރުގެ ރަށްތަކަށް ހުކުރު ދުވަހު ގަދަވަޔާއެކު ވިއްސާރަކޮށް ހޮނިހިރު ދުވަހުވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މެދުރާއްޖެތެރޭގެ ރަށްތަކަށް ހުކުރު ދުވަހު ގަދަ ވަޔާއެކު ވިއްސާރަކުރާނެއެވެ. ހޮނިހިރު ދުވަހުވެސް ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް އެއޮފީހުން ލަފާކުރެއެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ހުކުރު ދުވަހު ކެރީގެ އަސަރު ފޯރާނެކަމަށާއި ހޮނިހިރު ދުވަހު ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި ދެކުނުގެ ރަށްތަކަށް ބޯކޮށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު އުތުރުގެ ރަށްތަކާއި މެދުރާއްޖެތެރޭގެ ރަށްތަކުގެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެން ނަމަވެސް ދެކުނުގެ ރަށްތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެކަމަށް އެ އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިނަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކުގައި 5 ފޫޓާއި 8 ފޫޓާއި ދެމެދުގެ އުސްމިނުގައި ރާޅު ހުންނައިރު ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓުގައި ކަމަށް އެއޮފީހުން ބުނެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އިލްތިމާސްކުރައްވައެވެ.
މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މިމަހުގެ 8ވަނަ ދުވަހު ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެކަމަށްވެސް އެ އޮފީހުން ބުނެއެވެ.