ޚަބަރު

ރާޖަޕަކްސަގެ ތާޢީދާއެކު ލަންކާގެ ބޮޑުވަޒީރަކަށް ރަނިލް


ސުރީ ލަންކާގެ ބޮޑުވަޒީރުގެ މަޤާމަށް އަނެއްކާވެސް ރަނިލް ވިކްރަމަސިންގަ ގެންނަވަން ރާޖަޕަކްސަ ޢާއިލާ ނިޞްބަތްވާ ޕާޓީން ތާޢީދުކޮށްފިއެވެ.

ސުރީ ލަންކާގެ ބޮޑުވަޒީރުގެ މަޤާމުން މަހިންދަ ރާޖަޕަކްސަ އިސްތިޢުފާދެއްވާފައިވާ ދަނޑިވަޅެއްގައި އޭނާ ނިޞްބަތްވެވަޑައިގަންނަވައި ސުރީ ލަންކާ ޕޮޑުޖާނާ ޕެރަމޫނާ، އެސްއެލްޕީޕީންވަނީ ބޮޑުވަޒީރުކަމަށް ރަނިލް ގެންނަވަން ތާޢީދުކޮށްފައެވެ. އެހެންކަމުން ރަނިލްގެ ޔުނައިޓަޑު ނޭޝަނަލް ޕާޓީ، ޔޫއެންޕީގެ މެންބަރުންގެ ވޯޓާއެކު އޭނާއަށް ބޮޑުވަޒީރުކަންވަނީ ކަށަވަރުވެފައެވެ.

ސުރީ ލަންކާގައި އައު ސަރުކާރެއް ޤާއިމުކުރެވިދާނެކަމުގެ އުއްމީދު އައުވެފައިވަނީ އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް އިދިކޮޅު ޕާޓީތަކުން ދެކޮޅުހަދާފައިވަނިކޮށެވެ. އިދިކޮޅު ޕާޓީތަކުންވަނީ އެ ޤައުމުގެ ރައީސްގެ މަޤާމުގައި ގޮތަބަޔާ ރާޖަޕަކްސަ ހުންނަވާނަމަ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވުމަށް ދެކޮޅުހަދައިފައެވެ. ނަމަވެސް ގޮތަބަޔާވަނީ އިސްތިޢުފާދެއްވަން ދެކޮޅުހައްދަވައިފައެވެ. ބަދަލުގައި އޭނާވަނީ ރިޔާސީ ބާރުތައް ހަނިކުރަން އެއްބާރުލުންދެއްވައި ޤާނޫނުހަދާ މަޖިލީހަށް ބޮޑެތި ބާރުތަކެއް ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ޢުމުރުފުޅުން 73 އަހަރުގެ ރަނިލްވަނީ މީގެ ކުރިން ހަތަރު ފަހަރެއްގެމަތިން ސުރީ ލަންކާގެ ބޮޑުވަޒީރުކަން ކުރައްވައިފައެވެ. އެ ގޮތުން އޭނާ އެންމެ ފުރަތަމަ އެ މަޤާމު ފުރުއްވާފައިވަނީ 1993ވަނަ އަހަރުގެ މެއި 7ވަނަ ދުވަހުން 1994ވަނަ އަހަރުގެ އޮގަސްޓު 18ވަނަ ދުވަހަށެވެ. އޭނާ އެންމެފަހުން އެ މަޤާމުގައި ހުންނެވީ 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15ވަނަ ދުވަހުން 2019ވަނަ އަހަރުގެ ނޮވެންބަރު 21ވަނަ ދުވަހަށެވެ.