އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ވުލްވްސް ބައްދަލުކުރިމެޗް ސިޓީއިން ކާމިޔާބުކޮށް ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ ފަސް ލަނޑު އެއްލަނޑުންނެވެ.
ދެތީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިޓީގެ ކެވިން ޑި ބްރުއިނަރވަނީ މޮޅު ކުޅުމެއް ދައްކާ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސިޓީއިން ނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑި ބްރުއިނަރއެވެ. ނަމަވެސް ވުލްވްސްއިން ވަނީ އޭގެ ހަތަރު މިނެޓްފަހުން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއަންދަރ ޑެންޑޮންކަރއެވެ. ސިޓީއިން ދެވަނަ ފަހަރަށް މިމެޗްގައި ލީޑު ނެގީ މެޗްގެ 16 ވަނަ މިނެޓްގައި ޑި ބްރުއިނަރ ޖަހާދިން ލަނޑުންނެވެ. އަދި މެޗްގެ 24 ވަނަ މިނެޓްގައި ޑި ބްރއުިނަރ ޖަހާދިން ލަނޑާއެކު އޭނާ ވަނީ މިމެޗްގައި ހެޓްރިކް ހަދާފައެވެ. އަދި ޑި ބްރުއިނަރ އޭނާގެ ހަތަރު ވަނަ ލަނޑު ޖަހާދީފައިވަނީ މެޗްގެ 60 ވަނަ މިނެޓްގައެވެ. އަދި ސިޓީގެ ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހާދިނީ ރަހީމް ސްޓަރލިންގއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ސިޓީއަށް ލިބިގެންދިޔައިރު ވުލްވްސްއިންވެސް ވަނީ ދޭތެރެ ދޭތެރެއިން ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ.
މިކާމިޔާބީއާއެކު ސިޓީއިންވަނީ ކުޅުނު 36 މެޗުން ލިބިފައިވާ 89 ޕޮއިންޓާއެކު ތާވަލްގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި ވުލްވްސް މިހާރު އުޅެނީ 50 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.