ސުރީ ލަންކާގެ އައު ބޮޑުވަޒީރުގެ ސަރުކާރާ ގުޅިގެން ރިޔާސީ ބާރުތައް ހަނިކުރަން އެއްބާރުލުންދެއްވާނެކަމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަޢުދުވެވަޑައިގެންފިއެވެ.
ޓީވީ މެދުވެރިކޮށް ޤައުމާ މުޙާތަބުކުރައްވައި ވާހަކަދައްކަވަމުން ގޮތަބަޔާ ވިދާޅުވީ އަލަށް ޢައްޔަނުކުރައްވައި ބޮޑުވަޒީރަށް ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނާނެކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވައި ރިޔާސީ ބާރުތައް ހަނިކުރައްވައި ޤާނޫނުހަދާ މަޖިލީހަށް އިތުރު ބާރުތައް ދެއްވުމަށް އޭނާ ތައްޔާރަށް ހުންނެވިކަމަށެވެ. އަދި އެ ފިޔަވަޅުތައް އޭނާ އަޅުއްވަނީ ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ސިޔާސީ ބޮޑެތި މައްސަލަތައް ޙައްލުކުރެއްވުމުގެ ބޭނުމުގައިކަމަށް އޭނާ ވިދާޅުވިއެވެ.
ސުރީ ލަންކާއަށް އިޞްލާހީ ބަދަލުތަކެއް ގެންނަވަން ގޮތަބަޔާ ވަޢުދުވެވަޑައިގެންފައިވަނީ އެ ޤައުމުގެ ސިޔާސީ ދެބަސްވުންތަކަށް ޙައްލެއް ނުގެންނަނަމަ އިސްތިޢުފާދެއްވާނެކަމަށް ދާދިފަހުން މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަޤާމާ ޙަވާލުވެވަޑައިގަތް ޕީ ނަންދަލާލް ވީރަސިންގަ ވިދާޅުވެފައިވަނިކޮށެވެ. އަދި ސިޔާސީ ހަމަޖެހުމެއް ނެތްނަމަ އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަޤާމުގައި ކޮންމެ މީހަކު ހުރި ނަމަވެސް އެ ޤައުމުގެ އިޤްތިޞާދަށް ކުރާނެ އެއްވެސް މަންފާއެއް ނެތްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ސުރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިޢުފާދެއްވާފައިވަނީ ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުންތައް ބޮޑުވެ ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގަން ފެށުމުންނެވެ. އެ ހަމަނުޖެހުންތަކުގައި ނުވަ މީހުން މަރުވެ 200އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.